މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިން ހުސްކޮށްފައިވަނީ އެއްވެސް އިންޒާރެއް ނުދީ ކަމަށް ސްޓެލްކޯއިން ބުނެެފިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސްޓެލްކޯގެ ބެކްއަޕް ޕަވާޕްލާންޓެއް އެޅުމަށް ދޫކޮށްފައިވާ އިންޑަސްޓްރިއަލް ވިލެޖްގެ މެރީ ބްރައުން ރެސްޓުއަރަންޓް ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސްބިން ސިޓީ ކައުންސިލުން ހުސްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ބަންދު ތެރޭގަ މި ބިން އެއްވެސް އެންގުމަކާއި ނުލާ ހުސްކޮށްފައިވާކަމަށެވެ.

"މި ބަންދު ތެރޭގަ އަޅުގަނޑުމެންނަށް އެންގުމަކާއި ނުލާ މިތާ ޖަހާފަ ހުރި ފެންސުތަކާއި ޓިނުތައް ކަނޑާ ނަގާފަ އެއެއްޗެހި ބޭނުންކޮށްގެން މި ބިމާ ޖެހިގެން އޮތް ބިމުގައި ފެންސް ތަކާއި އެއްޗެހި ޖަހާ ސެކުއާ ކޮށްފައި ވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ ކުންފުނިން އެ ބިން ސެކިޔުއާ ކުރުމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދު ކޮށްފައިވާނެކަމަށެވެ. އެ ބިމަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ބިމެއް ކަމަށާއި ސަބް ސްޓެޝަނެއްގެ އިތުރުން 10 މެގަވޯލްޓްގެ ބެޓެރީ ސްޓޯރޭޖެއް ވެސް އެބިމުގައި ގާއިމު ކުރަން ވިސްނާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސްޓެލްކޯއަށް ސިޓީ ކައުންސިލުން ދޫކުރި ބިން --ސަން ފޮޓޯ/ ފަޔާޒް މޫސާ

އިތުރަށް ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ ސްޓެލްކޯގެ ހަރަދުގަ އިންސްޓޯލް ކޮށްފަ ހުރި އިންފްރާންސްޓްރަކްޗާ ބޭނުން ކޮށްގެން ސިޓީ ކައުންސިލްގެ ބިމުގައި ފެންސް ޖެހުމުން ވަރަށް ހިތާމަ ކުރާކަމަށެވެ.

"ސިޓީ ކައުންސިލުން އެއްވެސް ކަހަލަ މައުލޫމާތެއް ނުދޭ އަޅުގަނޑުމެންނަށް މިކަން ކުރާ ކަމުގެ. އެއްވެސް ސިފައެއްގަ އަޅުގަނޑުމެންނަކަށް ނާންގާ،" އޮފިޝަލް ވިދާޅުވިއެވެ.

މިހާރު އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު އަދި ފުލުހުންގެ ފަރާތުން ވަކި ޖަވާބެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސްޓެލްކޯއިން ސިޓީ ކައުންސިލާ ވާހަކަ ދައްކައިގެން މި މައްސަލަ ސާފު ކުރަން ބޭނުންވާ ކަމަށެވެ.