އަންނަ މަހުން ފެށިގެން ނުވަ ފަނޑިޔާރަކު ރިޓަޔާ ކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނި ފަނޑިޔާރުން ރިޓަޔާރކުރުމުގައި އިސްކަންދޭނެ އުސޫލުގެ ދަށުން އުމުރުން 55 އަހަރު ވުމުން އަމިއްލަފުޅަށް ވަކިވާން ބޭނުންފުޅުވާ ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ސިއްހީ ސަބަބުތަކަށް ޓަކައި މަގާމުން މުސްކުޅި ކުރުމުގައި އަމަލުކުރާނެ ގަވާއިދުގެ ދަށުން އެދިވަޑައިގެންފައިވާ ފަނޑިޔާރުންގެ ތެރެއިން ނުވަ ފަނޑިޔާރަކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިޓަޔާ ކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ރިޓަޔާ ކުރައްވާ ފަނޑިޔާރުންނަކީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް ހުސައިން އަލީ އާއި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ދޮންމަނިކާއި، ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް އަބުދުއް ސައްތާރު އަލީ އާއި، ލ. މާވަށު މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި، ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް ހުސައިން އަބްދުއް ރަހުމާނާއި، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުހައްމަދު އިބުރާހިމާއި، ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު އިސް މެޖިސްޓްރޭޓް އަބުދުލް ޣަނީ އާއި ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް އަހުމަދު ރުޝްދީއާއި، ފެމެލީ ކޯޓުގެ ގާޒީ އަބުދުއް ސައްތާރު އާދަމެވެ.

ފަނޑިޔާރުން ރިޓާޔާކުރުމުގައި ކޮމިޝަނުން އަމަލު ކުރާނެ އޫސޫލެއް ކަނޑައެޅީ ފަނޑިޔާރުކަމުން ރިޓާޔާ ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަރަށް ގިނަ ބަޔަކު ރިޓާޔާކުރުމަށް ހުށަހަޅާފައިވާ އިރު އެ ހުރިހާ އެންމެން އެކީ ރިޓަޔާކޮށްދީގެން ކޯޓްތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވާނެތީ އެވެ.

ފަނޑިޔާރުން ރިޓަޔާކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަލަށް އަމަލް ކުރުމަށް ކަނޑައެޅި އުސޫލުގެ މަތިން ފަނޑިޔާރުން ރިޓަޔާކޮށްދިނުމުގައި، ވަކިވަކި ކަންތައްތަކަށް އިސްކަންދޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ފަނޑިޔާރުން ރިޓަޔާކުރުމާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ އަހަރު ހަތަރު ފަނޑިޔާރަކު ރިޓަޔާކޮށްފައިވާ އިރު މިހާތަނަށް 35 ފަނޑިޔާރަކު މަގާމުން ރިޓާޔާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީންވަނީ ބުނެފައެވެ.

އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުނަށާއި، 55 އަހަރު ނުވި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅި ކުރުމުގައި އަމަލުކުރާ ގަވާއިދަށް ޖޭއެސްސީން އަމަލް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.