ދިރާގުން އެ ކުންފުނީގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޖުމްލަ 14 ބައިވެރިންނާއެކު ކަމަށެވެ.

ދިރާގުގެ އެޕްރެންޓިސް ޝިޕް ޕްރޮގްރާމަކީ ދިރާގުން ކުރިއަށް ގެންދާ އެ ކުނފުނީގެ ސީއެސްއާރް މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

އަދި މިއީ ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށްވެސް ދިރާގުން ބުންޏެވެ.

މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާލެ، އައްޑޫ ސިޓީ، ތިނަދޫ، އަދި އޭދަފުށީގެ ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިމި ފުލްޓައިމް ވަޒިފާއެއް ލިބިފައިނުވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް މި އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި ޕްރޮގްރާމް އިފްތިތާހްކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި ފުރުސަތަކީ ޒުވާނުންނަށް ވަރަށް ބޭނުންތެރި ފުރުސަތަކަށް ވެގެން ދާނެކަމަށެވެ. އަދި އެތައް ހުނަރެއް ދަސްވެ ދިރާގުގެ ތެރެއިން ވަޒީފާ ހޯދުމަށްވެސް ފުރުސަތު ފަހިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ ރަނގަޅު ތައުލީމަކާއެކު ޒުވާނުންނަށް ތަމްރީނު ދިނުންކަމަށެވެ. އެއާއެކު ވަޒީފާގެ މާހައުލުގެ އެކިއެކި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ދިރާގުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް ޖުމްލަ 214 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އޭގެ ތެރެއިން ޒުވާނުން މިއަދު އެ ކުންފުނީގެ އިސް ބޮޑެތި މަގާމުތައް އަދާކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.