ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކުގެ ވަރުގަދަކަން އިހުނަށް ވުރެ ބަދަހިކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް، ސިފައިންގެ ހުރިހާ ރޭންކްތަކެއް ގުޅިލާމެހިގެން ކުރުމަށް ދިވެހި ސިފައިންނަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. ވަޙީދު މިކަމަށް އިލްތިމާސް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ދިވެހި ސިފައިންނާ ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އަބަދުމެ ފާރަވެރިވެ ތައްޔާރުގައި ތިބޭ މިޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައި ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ސިފައިންނަކީ، ޤައުމީ އެއްބައިވަންތަކަމާއި ދިވެހިންގެ އަމިއްލަވަންތަކަން ޙިމާޔަތް ކުރުމާއި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް ތައްޔާރުގައި ތިބި ބައެކެވެ. މާޒީގެ ޞަފްޙާތަކުގައި ދިވެހި ސިފައިން ވަނީ އެކަން ވަރަށް ފުރިހަމައަށް ދައްކައިދީ ސާބިތުކޮށްދީފަ އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިފައިންނަކީ، ޤައުމީ ޚިދުމަތުގައި ނަފްސަށް ވުރެ ވާޖިބަށް އިސްކަންދީގެން ރެއާދުވާލު މަސައްކަތްކުރާ ޤައުމީ ޚިދުމަތުގެ ކުރީ ސަފު ކަމަށާއި ސިފައިންނަކީ، ރައްޔިތުންގެ ޚިދުމަތުގައި ތިބި ރައްޔިތުންގެ ޚާދިމުންތަކެއް ކަމަށްވާތީ، މިސަބަބުތަކަށް ޓަކައި، ދިވެހިން ފަޚުރުވެރިވާ ހިތްވަރުގަދަ ސިފައިންގެ ލަޝްކަރާ ބައްދަލުކުރެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް މަތިވެރި އުފާފުލަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސިފައިން ވެވަޑައިގެންނެވި އެކި ޤުރްބާނީތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ، ހުޝިޔާރު، ޤާބިލު ބައެއްކަމާއި މަސްއޫލިއްޔަތު އުފުލުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށް ތިބޭ ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ބައެއްކަމާ މެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެ އަށް ޒަމާނީ ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމީ ގަބޫލުކުރަން ޖެހޭ ޙަޤީގަތެއްކަން ބަޔާންކުރެއްވި އެވެ. އަންނަމުންދާ އަވަސް ބަދަލުތަކާ އެކު އަޅުގަނޑުމެން ނޭދޭ ކަންތައްތަކެއްގެ ކަޅުވިލާތައް ރާއްޖޭގެ މައްޗަށް އަރަމުންދާކަން ފާހަގަކުރައްވަމުން، ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައި އޮތް އިސްލާމީ އަދި އިންސާނީ މަތިވެރި ސިފަތަކާއި ހަރުދަނާ އުޞޫލުތައް ނެތެމުން ފަނޑުވަމުން ދާކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީގަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"މިއީ، ފުންކޮށް ވިސްނާ ފިކުރުކުރަން ޖެހޭ ޤައުމީ މައްސަލައެއް. ޒަމާނީ ޑިމޮކްރަސީއެއް ގެންނަން މަސައްކަތްކުރާ އިރު ޚިޔާލު ތަފާތުވުމަކީ ކުރިމަތިވާނެ ކަމެއް. ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. ނަމަވެސް، ފިތުނަ ފަސާދައާއި ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ކުރި، މިދެންނެވުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ފަޅަން ފުރުޞަތު ނުދިނުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަން ޖެހޭ. ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި ހައްދުފަހަނަޅައި ދިޔުމުގެ ވިސްނުމާއި ޢަމަލުތައް މަދުންނަމަވެސް މިދަނީ މިޤައުމުގައި ތަޖުރިބާ ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ނޭދެވޭ ކަންތައްތަކަކަށް ހިތްވަރު ދިނުމާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެބުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމުންދާ ބަޔަކު މަދުން ނަމަވެސް ތިބިކަމާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ޢަމަލުތައް ޢާންމު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކު ވެސް އެކަމާ މެދު ކަންބޮޑުވާނެ ކަންކަން ކަމަށެވެ. މިއީ ޤައުމީ ފެންވަރުގައި ހުއްޓުވަން ޖެހޭ ކަންތައް ކަމަށެވެ.

މިއަދު މި ޤައުމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ސިފައިންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، މިއަދުގެ މި ހާލަތުން ރަނގަޅު ހާލަތަކަށް ދަތުރުކުރުމަށް ދިވެހި ސަރުކާރުންނާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަގުހުރި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި މިވަގުތު މި ޤައުމު އެދެނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޤައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މިވަގުތު މި ޤައުމު އެދޭ ކަމަށާއި، ކެތްތެރިކަމާއި ޤާބިލުކަމާއެކު ޤައުމީ ޚިދުމަތުގައި ސާބިތުވެ ދެމިތިބުމަށް ވެސް ޤައުމު އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ ހިތްތަކުގައިވާ ދީނީ ރޫޙާއި ޤައުމީ ލޯތްބަކީ ވަރަށް ވަރުގަދަ ބާރެއްކަން ފާހަގަކުރެއްވޭ ކަމަށާއި ފިކުރީގޮތުން ސިފައިންގެ ހިތްތަކާ ކުޅެވޭވަރަށް ވުރެ ސިފައިންގެ ޢަޒުމް ވަރުގަދަވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޤައުމުގެ ސަލާމަތީ ބާރުތަކަކީ، ބައެއް ޙާލަތްތަކުގައި މަދުބައެއްގެ ނަފުރަތާއި ހިތްހަމަނުޖެހުމާ ކުރިމަތިލާން ޖެހިދާނެ ބައެއް ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވެވަޑައިނުގެން ސާބިތުކަމާ އެކު ޤައުމީ ޚިދުމަތުގައި ދެމިތިއްބެވުމަށް ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވި އެވެ. ސިފައިންގެ ވެލްފެއާ ކަންތައް ހަރުދަނާ ކުރައްވައި ރަނގަޅު ކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސިފައިންނަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ދެއްވި އެވެ.