07 Aug 2021, 12:45
ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގައި އެއްބާރުލުން ދިނުން އިތުރު ކުރާނެ ހަތަރު ދާއިރާއެއް ކަނޑައަޅައިފިއެވެ.
ރާއްޖެ، އިންޑިއާ އަދި ލަންކާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލަމާތާ ބެހޭ ގޮތުން މަޝްވަރާ ކުރީ ތިން ގައުމުގެ އޮފިޝަލުން މިދިޔަ ބުދަ ދުވަހު އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އޮފީހުގެ ސެކްރެޓަރީ ނޫޝީން ވަހީދު ރާއްޖެ ތަމްސީލު ކުރެއްވި އިރު، އިންޑިއާގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޕަންކަޖު ސަރަން އާއި ލަންކާއިން އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް އަދި އަސްކަރިއްޔާގެ ކޮމާންޑާރު ޝަވެންދުރަ ސިލްވާ ބައިވެރިވެވަޑައިގެންނެވިއެވެ.
ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނަކާ ހަވާލަދީ ދަ ހިންދޫ ނޫހުން ރިޕޯޓު ކުރި ގޮތުގައި، އެ ބައްދަލުވުމުގައި ތިން ގައުމުން އެއްބާރުލުން ދޭ މިންވަރު އިތުރު ކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާއި ހައްދު ފަހަނައެޅުމާއި، ޓްރެފިކިން އާއި އޯގަނައިޒްޑް ކްރައިމް އަދި ސައިބާ ސެކިއުރިޓީއެވެ.
އޭގެ ތެރެއިން ކޮންމެ ދާއިރަކުންވެސް އެއްބާރުލުން ދޭ މިންވަރު އިތުރު ކުރުމަށްޓަކައި ގައުމުތަކުގެ މެދުގައި ގަވާއިދުން މުވާސަލާތު ކުރުމާއި ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި މީހުން ތަމްރީނު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ލަންކާއަށް ވަޑައިގެން ކޮލޮމްބޯގައި ބޭއްވި ހަތަރު ވަނަ "އެންއެސްއޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެއީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެ ބައްދަލުވުން ބޭއްވި ފުރަތަމަ ފަހަރެވެ. އަދި އެ ބައްދަލުވުމުގައި ތިން ގައުމުން ވަނީ އިންޓެލިޖެންސް ހިއްސާ ކުރާ މިންވަރު އިތުރު ކުރަން އެއްބަސްވެފައެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅު ރާއްޖޭގައެވެ. އަދި މިހާރު އެ ބައްދަލުވުންތަކުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ މޮރިޝަސް، ސީޝެލްސް އަދި ބަންގްލަދޭޝްއަށް ދެން އަންނަ ބައްދަލުވުމުގައި މެމްބަރުންގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށްވެސް އެ ނޫހުގައިވެއެވެ.