07 Aug 2021, 12:36
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް މަރުގެ އިންޒާރު ދިން އިސްލާމް ޓީޗަރު ވަޒީފާއިން ވަކިކުރުމަކުން އަދި އެ މައްސަލަ ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މެމްބަރު ވައްޑެއަށް އިންޒާރު ދިން މައްސަލައާ ގުޅޭގޮތުން އިންތި "ސަން" އަަށް ވިދާޅުވީ މި މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެ ޓީޗަރު ވަޒީފާއިން ވަކިކުރުމަކުން އަދި ނުފުދޭކަމަށް އިންތި ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއްނުކުރަން. މައްސަލައަކީ ވަރަށް ސީރިއަސްކޮށް ބަލަންޖަހޭ މައްސަލައެއް. ޖިނާއީ މައްސަލައެއް މިއީ. މި މައްސަލައިގެ ތަހުގީގު ހިންގަން ޖެހޭނެ. ވަޒީފާއިން ވަކިކުރުން އެކަންޏެއް ނޫން. ޓީޗަރެއްގެ މަގާމުގައި ހުރީ ކުދިންނަށް ކިޔަވައިދޭން. ގާތްގަނޑަކަށް ހައެއްކަ މަސްކޮށްފައި ކިރިޔާ ވަޒީފާއިން ވަކިވެސް އެކުރެވުނީ. އެހެންވީމާ ޖިނާއީ ތަހުގީގުވެސް ހިންގަން ޖެހޭނެ،" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މެމްބަރު ވައްޑޭ މި މައްސަލަ ހުރިހާ އިދާރާއަކަށްވެސް ހުށަހެޅުއްވިކަމަށެވެ. އެހެންނަމަވެސް އަދިވެސް އެ މައްސަލައިގައި ތަހުގީގުތަކެއް ކުރިއަށް ދާތަަން އަދި ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މި ބުނަނީ މީހަކު ހައްޔަރުކުރާށެކޭ އެއްނޫން. ނަަމަވެސް ކުޑަ މިނުން މިކަމުގައި ތަހުގީގެއް ހިންގާލަން ޖެހޭނެ. އަދި އެމީހެއްގެ އަމަލުތަކަށް ފާރަވެރިވެ މޮނީޓަރު ކުރަންޖެހޭނެ. އަދި އޭނަގެ ވިސްނުން ހުރި ގޮތްވެސް ބަލަަންޖެހޭނެ،" އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
މެމްބަރު ވައްޑެއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާ އިން ވަކިކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހެވެ.
އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ނ. ކުޑަފަރީ ސޫކުލްގައި އިސްލާމް ޓިޗަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔަ މުހައްމަދު އަޝްރަފެވެ. އޭނާ އަކީ އެރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ.
މެމްބަރު ވައްޑެ މަރާލަންޖެހޭ ކަމަށް އަޝްރަފް ފޭސްބުކުގައި ބުނެފައި ވަނީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ހިތްހަމަނުޖެހި ގެންނެވެ.