މާލޭގެ މަގުމަތީގައި ހުރި ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ހަރުދަނާ އުސޫލެއްގެ ދަށުން އަންނަ ހަފުތާ އިން ފަށިގެން އަލުން ނެގުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ކުރިން މި މަސައްކަތް ކުރެވެމުން ދިޔަ ގޮތާމެދު ރައްޔިތުންގެ ބައެއް ޝަކުވާތައް މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާކަމަށެވެ. އެއާއެކު މި މަހުގެ ދެ ވަނަ ދުވަހު ފެށި ވެހިކަލްތައް ނެގުމުގެ މަސައްކަތް މަޑުޖައްސާލައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން ބުނޭ އެބަ ތިމަންނަމެން އަސްލު އުކާލާފައި ނުވަތަ ދޫކޮށްލާފައި ހުރި ވެހިކަލްތަކެއް ނޫނޭ އެއީ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލޮކްޑައުންގެ ހާލަތުގައި ރަށްރަށުގައި ވެސް ގިނަ ބޭފުޅުން އެބައުޅުއްވާ. މި ފަރާތްތަކުގެ ވެހިކަލްތައްވެސް އޮޅުމަކުން އެބަ ނެގޭ، ދެން އެހެންވެ އެކަމުގެ ޝަކުވާ ލިބޭ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވި ވެހިކަލް ނަގައިފިނަމަ އަލުން ވެހިކަލް ހޯދޭނީ ފައިސާ ދައްކައިގެންކަމަށެވެ. އަދި މިއީ އިންސާފުވެރި ގޮތެއް ނޫންކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ހަމައެއާއެކު މޭޔަރު އިތުރަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ މާލޭގެ މަގުތަކުގައި އަޅާނުލާ ދޫކޮށްލާފައިހުރި ވެހިކަލްތައް ނެގުންކަމަށެވެ. އަދި އެކަން ކުރުމަކީ އެ ކައުންސިލުން ދެކޭ ގޮތުގައި ވަރަށް މުހިންމުކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މި މަސައްކަތްކުރާނީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ.

އޭގެ ކުރިން މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު ނެގުމަށްވެސް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އަންގާފައެވެ. މީގެ އިތުރުން އުޅަނދުފަހަރުގެ ވެރިފަރާތުން އެ ވެހިކަލެއް ނުނަގާ ބަހައްޓައިފިނަމަ އެއްގަމު އުޅަނދުފަހަރު ގަވާއިދުގެ ދަށުން އެ އުޅަނދު ނަގައި ނައްތާލެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ހަމައެއާއެކު މި މަސައްކަތުގައި އުޅަނދު ނެގުމުގެ ތެރޭގަ ނުވަތަ ނެގުމަށް ފަހު އުޅަނދަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ވަނީ އަންގާފައެވެ.