07 Aug 2021, 10:15
ގްރޭޓާ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ރޭ ނެރުނު ބަޔާނުގައި ބުނީ މިއަދުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުން ނިމުމަކަށް ގެނެވިފައިވާކަމަށެވެ.
އެހެންނަމަވެސް މިސްކިތަށް ދާއިރު އަދި މިސްކިތުގައި ވަގުތު ހޭދަކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިއަދުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން ވެސް މިއަދުން ފެށިގެން މަޑު ޖައްސާލުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ މިސްކިތްތައްވެސް މީގެ ކުރިން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް ދެވެމުން ދިޔަ ލުއިތަކާއެކު މިސްކިތްތަކުގައިވެސް ނަމާދުގެ ޖަމާއަތް ހެދުމަށް ލުއިތައް ވަނީ ދީފައެވެ.