ސޯލް (ފެބްރުއަރީ 21) : އުތުރުކޮރެޔާގެ ކަނޑުގެ ސަރަޙައްދުގެ ކައިރީގައި ދެކުނު ކޮރެޔާއިން ޢަސްކަރީ ތަމްރީން ތަކެއް ފެށުމުން ދެޤައުމުގެ މަސްރަޙު ހޫނުވެއްޖެވެ.

ޢަސްކަރީ މަނަވަރުތަކާއި އެހެނިހެން ބަރުހަތިޔާރު ބޭނުންކޮށްގެން ދެކުނު ކޮރެޔާގެ ކަނޑުގެ ސިފައިންފެށި ތަމްރީންތަކާގުޅިގެން އުތުރުކޮރެޔާވަނީ އެޤައުމުގެ ސަރަޙައްދަށް ނުވަނުމަށް ދެކުނުކޮރެޔާއަށް އިންޒާރުކޮށްފައެވެ. އުތުރުކޮރެޔާގެ މަސްއޫލުވެރިއަކު އިންޒާރު ދެއްވަމުން ވިދާޅުވީ އޮޅިގެންވެސް އެޤައުމުގެ ސަރަޙައްދުގެ ތެރެއަށް ތެރެއަށް ދެކުނު ކޮރެޔާގެ އުޅަނދެއް ވަދެއްޖެނަމަ ފަނާކުރަނިވި ރައްދެއް ދޭނެކަމުގައެވެ.

ދެކުނުކޮރެޔާގެ ތަމްރީންތަކުގެ ބޭނުމަކީ އުތުރުކޮރެޔާއަށް ޖެއްސުންކުރުން ކަމަށާއި މިކަމުގެ ފަހަތުގައިވަނީ އެމެރިކާ ކަމަށްވެސް އުތުރުކޮރެޔާގެ ޢަސްކަރީ މަސްއޫލުވެރިޔާ ތުހުމަތުކުރެއްވިއެވެ. ދެކުނު ކޮރެޔާ ސިފައިން ފަށާފައިވާ ތަމްރީންތަކުގެ ބައެއް ޙަރަކާތްތަކުގައި އެމެރިކާ ސިފައިންވެސް ބައިވެރިވެއެވެ.

ދެކުނު ކޮރެޔާ އެމެރިކާއާއެކު ބާއްވާ ޢަސްކަރީ ގާތްގުޅުންތަކާމެދު އުތުރުކޮރެޔާ ދެކެނީ އެއީ އެޤައުމާ ދެކޮޅަށް އެމެރިކާ ރާވާރޭވުންތަކުގެ ބައެއް ކަމުގައެވެ. މިތަމްރީންތަކާބެހޭގޮތުން ދެކުނުކޮރެޔާގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ މިއީ އާދައިގެ ތަމްރީން ތަކެއްކަމަށާ މިއީ އުތުރުކޮރެޔާއަށް އަމާޒުކޮށްގެން ހިންގާ ޢަމަލެއް ނޫންކަމުގައެވެ. ޢަސްކަރީ ތަމްރީންތައް ކުރިޔަށްގެންދާ ސަރަޙައްދުގައިވާ ޖަޒީރާތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާހެއްހާ ދެކުނުކޮރެޔާގެ ރައްޔިތުން ވަނީ ރައްކާތެރިތަންތަނަށް ގެންގޮސްފައެވެ.

1953 ގައި ނިމުނު ކޮރެޔާގެ ހަނގުރާމައަށްފަހު ދެކޮރެޔާއިން ސުލްހައިގެ މުޢާހަދާއެއްގައި ރަސްމީގޮތުން ސޮއިކޮށްފައެއް ނުވެއެވެ. އެހެންކަމުން އެއްބަހަކުން ވާހަކަދައްކާ އެއްނަސްލެއްގެ ރައްޔިތަކު ދިރިއުޅޭ މިދެޤައުމު އަދިވެސްއޮތީ ހަނގުރާމައިގެ ޙާލަތެއްގައެވެ. -- ރޮއިޓާސް