07 Aug 2021, 22:39
ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން އިތުރު 113 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅު ތެރޭ ރަށްރަށުން ޕޮޒިޓިވްވި 73 މީހުންނާއި ހަދަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހުންގެ އިތުރުން ސަފާރީ ތަކުން ޕޮޒިޓިވްވި ދެ މީހުންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 78،243 އަށް އަރާފައެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 75،450 މީހުންނެވެ.
ކޮވިޑްގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑަށް މިވަގުތު ރާއްޖެއިން ފަރުވާ ހޯދަމުންދަނީ 2،559 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލް ތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ 24 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށްޓަކައި 5992 ސާމްޕަލެއް ވަނީ ޓެސްޓު ކޮށްފައެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު ވަނީ ވަރަށް ބޮޑެތި ލުއި ތަކެއް ދީފައެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދިނުމާއި އަދި ކެފޭ ރެސްޓޯރެންޓް ފަދަ ކާއިބޯ ތަކެތީގެ ހިދުމަތް ދޭ ތަންތަނަށްވެސް މިހާރު ވަނީ އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ.