ހިޔާ ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުން މާދަމާ ފަށާނެކަމަށް ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މީގެ ދެ ދުވަސް ކުރިން އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލީ އެ މަސައްކަތުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މާދަމާ އަލުން ސޮއިކުރަން ފަށާއިރު އެޗްޑީސީއިން ވަނީ ފްލެޓް ލިބިފައިވާ ފަރާތްތަކާ އެކު ސޮއިކުރަން ހަމަޖެހިފައިވާ ތާވަލު މިހާރު އާންމުކޮށްފައެވެ.

ތާވަލު

އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްޑީސީއިން ވަނީ ސޮއިކުރަން ދާއިރު ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް، ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ ހިފައިގެން ދިޔުމަށް އިލްތިމާސްކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރާ މީހުން އެންމެ ފުރަތަމަ ދިޔުމަށް ހަމަޖެހިފައިވަނީ ހުރަވީ ސްކޫލަށެވެ. އަދި އެތަނުގައިވާ ވެރިފައިކުރާ މޭޒުން އެ މީހެއްގެ މައުލޫމާތު ބަލައި އެ މައުލޫމާތު ދިމާވޭތޯ ޔަގީންކުރާނެއެވެ. އަދި ހެކިވެރިޔާގެ ލިޔެކިޔުން ހަމަވެފައި ހުރިތޯވެސް ބަލާނެއެވެ.