06 Aug 2021, 17:19
ހުޅުމާލޭގައި މިހާރު ހަދަމުންދާ ދެވަނަ ކޮވިޑް ފެސިލިޓީގެ މަސައްކަތުގެ 41 ޕަސަންޓު ނިމިއްޖެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
ހުޅުމާލޭގައި ކޮވިޑަށް ފަރުވާދޭން އިތުރު ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަން މޭ 25 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ.
އިއްޔެ އެޗްޑީސީއިން ކުރި ޓްވީޓެއްގައި ވަނީ ހަދަމުންދާ ފެސިލިޓީގެ 41 ޕަސަންޓު ނިމިފައިވާ ކަމަށާއި އޮކްޓޯބަރު މަހު އެ ފެސިލިޓީ އެއްކޮށް ހަދާ ނިމޭނެ ކަމަށެވެ.
270 އެނދުގެ ޖާގައިގެ މި ފެސިލިޓީ ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 ގެ އިތުރު ރާޅެއް ކުރިމަތިވެއްޖެ ހިނދެއްގައި އިތުރު ފަރުވާ ދިނުމަށް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމެވެ.
އިއްޔެ ހެލްތް އެމަޖެންސީ އޮޕެރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ފެސިލިޓީގައި މިހާރު ހުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައިވެސް ބޭނުންކުރަމުންދާ ފަދަ ސިއްހީ ވަސީލަތްތައް ބޭނުންކުރާނެ ކަމަށެވެ.
"ހުޅުމާލެ މެޑިކަލް ފެސިލިޓީގަ ބޭނުންކުރި އިކުއިޕްމަންޓްތައް ގިނަ އެއްޗެހި އެތާގަ ބޭނުންކުރާނެ. އޭގެ އިތުރަށް ބައެއް އެއްޗެހި ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން ދަނީ،"
"އެއާއެކު އެތަނަށް ޕާމަނަންޓު ސްޓާފުން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރިޔަށް އެބަގެންދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާރު ކޮވިޑް ފެސިލިޓީ ގާއިމު ކުރަމުންދާ އޮރެންޖް ހިޔާ އަކީ ކުރީގެ ޑިސްޓްރިބިއުޝަން ސެންޓަރެކެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ބިދޭސީ މީހުން ކަރަންޓީނު ކުރާ ތަނެއްގެ ގޮތުގައިވެސް އޮރެންޖް ހިޔާ ބޭނުންކޮށްފައިވެއެވެ.
އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ގާއިމު ކުރަން ނިންމާފައިވަނީ މެއި އަދި ޖޫން މަހު ރާއްޖެއަށް އައި ހަތަރުވަނަ ކޮވިޑް-19 ގެ ރާޅާއެކުއެވެ.
މިހާތަނަށް ރާއްޖެއަށް އައި އެންމެ ބޮޑު މި ރާޅުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ.