އުރީދޫ އަތޮޅު ދުވުން ނިމެން ބާކީ އެއް ދުވަހަށް ވެއްޖެއެވެ.

ފޮޓޯ އާއި މެޑަލް ޝޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމު ލިބޭގޮތަށް ކުރިއަށް ގެންދާ މި ދުވުން މާދަމާރޭ 00:00 އަށް ހަމަވާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ކޮންމެ ތަނެއްގައި ހުރެގެން ވެސް ދުވެވޭގޮތަށް ފަރުމާކޮށްފައިވާ މި އިވެންޓް ނިންމައި، ގިނަ ބަޔަކު ދަނީ ވާޗުއަލް ސެޓްފިކެޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

އަތޮޅު ދުވުމުގެ ފޮޓޯ ހިއްސާކޮށްގެން ހޮވޭ ދެ ނަސީބު ވެރިއަކަށް މަމަކްއިން ކެއުމެއް ލިބޭ އިރު މެޑަލް ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބު ދިމާވާ ތިން ފަރާތަކަށް ރޭޖް-ހިޓް ޖިމުން އެއް މަހުގެ މެންބާޝިޕް ހިލޭ ލިބެއެވެ.

މިއަހަރުގެ އަތޮޅު ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، މުޅިން އަލަށް 10 ކިލޯމީޓަރުގެ ކެޓަގަރީއެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

ރެޖިސްޓާ ކޮށްފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފާމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ.

މި ވާޗުއަލް ދުވުމުގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.