07 Aug 2021, 12:07
ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކުއްލި ގޮތަކަށް ދުނިޔެ ސިއްސުވާލި ހަބަރަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކެޓް އިތުރުކުރުމަށް އެ ކުލަބުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ވާހަކައެވެ.
މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާއާ ކުލަބުގެ އިންތަހާބުގައި ވެފައިވާ އެންމެ ބޮޑު ވައުދަކީ މެސީ ކުލަބުގައި ބެހެއްޓުމުގެ ވައުދެވެ.
ބުރާސްފަތި ދުވަހު މެންދުރު ބާސާގެ ވެރިން މެސީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު މެސީއަށް އެ ކުލަބުގައި މަޑުކުރެވެން ނެތްކަން ޔަގީންވިއެވެ.
މެސީގެ ކޮންޓްރެކްޓް ހަމަވެފައި ވުމާއެކު އޭނާ ބޭނުން ކުލަބަށް ގުޅެން ނިންމުމުގެ އިހްތިޔާރު މެސީއަށް އެބައޮތެވެ. ދުނިޔޭގެ ފުޓުބޯޅަ ނޫސްތަކާއި ފުޓުބޯޅައިގެ މާހިރުން މިހާރު އުފައްދާ އެންމެ ބޮޑު ސުވާލަކީ މެސީ ދެން ގުޅޭނީ ކޮން ޓީމަކާ ހެއްޔެވެ؟
ކޮވިޑްގެ ހާލަތާ ގުޅިގެން ކްލަބްތައް ފައިސާގެ މައްސަލަ
ކޮވިޑް-19ގައި ދުނިޔެއަށް ކުރިމަތިވެފައިވާ މާލީ ހާލަތާ ގުޅިގެން ގިނަ ކުލަބުތަކަކަށް ވަނީ ފައިސާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ.
ޓްރާންސްފާ ބާޒާރުގައި ގިނަ ކުލަބުތައް މަޑުމަޑުން ތިބިއިރު ބޮޑެތި އަގުތައް ހުށައަޅައިގެން ކުޅުންތެރިން ގަނެފައިވަނީ ޔޫރަޕުގެ ނަގާ ކިޔާ މަދު ޓީމުތަކުންނެވެ.
މެސީ ގެންދެވޭ ފެންވަރުގެ ޓީމުތައް މަދު
މީޑިއާގައި އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ މެސީގެ މުސާރު ދެވޭނެ ކްލަބްތައް މަދު ވާހަކައެވެ. މުސާރަދެވޭނެ ޓީމުތަކުގެ ތެރޭގައި ހިމެނެނީ، މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީގެ އިތުރުން ޗެލްސީ ފަދަ މަދު ޓީމެކެވެ.
ކުރީގެ ބާސާގެ ކޯޗު ގާޑިއޯލާ މިހާރު އިރުޝާދު ދެމުން އަންނަ ސިޓީއަށް މެސީ ގެންދަން ގާޑިއޯލާ ބޭނުންވާނެއެވެ. ނަމަވެސް މެސީ ބާސާގައި މަޑުނުކުރާނެކަން ހާމުކުރުމުގެ އެއްދުވަސް ކުރިން ސިޓީއިން ވަނީ އިނގިރޭސި ޓްރާންސްފާ ރެކޯޑް މުގުރާލުމަށްފަހު އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގިރިލިޝް 100 މިލިއަން ޕައުންޑުގެ ފީއަކަށް ސިޓީއަށް ގެނެސްފައެވެ.
މިހާރު ސިޓީއިން ވަނީ އިނގިރޭސި ގައުމީ ކެޕްޓަން ހެރީ ކޭން ޓޮޓެންހަމްއިން ގެނައުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު ސިޓީއަށް މެސީ ގެންދިއުމުގެ ފުރުސަތު ކުޑައެވެ.
ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ހަރަދެއް ކުރި އެއްޓީމަކީ ޔުނައިޓެޑެވެ. އެކުލަބުން ވަނީ ޒުވާން އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން ރެއާލް މެޑްރިޑުން ޑިފެންޑަރު ރަފައޭލް ވަރާންވެސް ވަނީ ޔުނައިޓެޑާ ގުޅިފައެވެ.
ޗެލްސީއިން އަންނަނީ އިންޓަ މިލާންގެ ރޮމެއޫ ލުކާކޫގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުލަބުން ވަނީ އިންޓައަށް ރަސްމީކޮށް ބިޑްވެސް ކޮށްފައެވެ. އެހެން ކަމުން ޗެލްސީއިން ވެސް މެސީ ގެންދިއުމުގެ ފުރުސަތު ކުޑައެވެ.
މެސީގެ ސޮއި ހޯދުން އެންމެ ގާތީ ޕީއެސްޖީ
ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ތެރެއިން މެސީގެ ސޮއި ހޯދުން އެންމެ ގާތީ ޕީއެސްޖީއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ނޫސްތަކުންވެސް ރިޕޯޓް ކުރާގޮތުގައި މެސީ ގުޅުން އެންމެ ގާތީ ޕީއެސްޖީއާއެވެ.
ގަތަރުގެ ޝާހީ އާއިލާއިން ފައިސާ ހަރަދުކޮށްގެން ހިންގާ ޕީއެސްޖީއިން ވަނީ މި ޓްރާންސްފާ ބާރާޒުގައި ވެސް ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ.
އެގޮތުން ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސް އަދި ނެދަލޭންޑްސްގެ ގައުމީ ކެޕްޓަން ޖޯޖީނިއޯ ވައިނާލްޑަމް ވެސް އެކުލަބުން ވަނީ ފްރީ ޓްރާސްފާގައި ސޮއިކޮށްފައެވެ.
ގަތަރުގެ ޝާހީ އާއިލާގެ ބައެއް މެންބަރުން ވަނީ މެސީ ޕީއެސްޖީއަށް ސޮއި ކުރާނެކަން ހާމަކޮށްފައެވެ.