06 Aug 2021, 12:15
އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމުގެ ހުއްދަ ރައީސް އޮފީހުން ދީފިއެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހުއްދަދިންނަމަވެސް ޖުލައި އެއް ވަަނަ ދުވަހު ރައީސް އޮފީހުން ނެރުނު އުސޫލުތަކާ އެއްގޮތަށް އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރާއިރު އަމަލުކުރަން އަންގާފައިވާ ކަމަށެވެ.
އެގޮތުން ރަސްމީ ގަޑި ނޫން ގަޑިތަކުގައި އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށާއި، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ ނުރަސްމީ ގަޑީގައި އޮފީސް ނުހުޅުވުމަށް އޮފީސްތަކަށް އަންގާފައިވެއެވެ. ދަންފަޅި އުސޫލުން މަސައްކަތް ކުރާ އޮފީސްތައް މިކަމުގައި އިސްތިސްނާވާނެއެވެ.
އެހެންކަމުން ސަރުކާރުގެ އޮފީހަކުން ނުރަސްމީ ގަޑީގައި ކޮންމެހެން މަސަައްކަތެއް ކުރަން ޖެހިއްޖެ ނަމަވެސް ހަވީރު 16:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް ދެންނެވުމުގައި ވެއެވެ.
މީގެ އިތުރުން ނުރަސްމީ ގަޑިތަކުގައި މުވައްޒަފުން މަސައްކަތަށް ނެރެން ނުޖެހޭނެ ފަދަ ގޮތަކަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ރަސްމީ މަސައްކަތު ގަޑީގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށް ރައީސް އޮފީހުން އަންގާފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް ކުރިއަށް އޮތް ތަނުގައިވެސް އޮންލައިންކޮށް ދިނުމަށާއި، އިތުރަށް އޮންލައިންކޮށް ހިދުމަތްތައް ދެވެން ހުރިނަމަ، އެފަދަ ހިދުމަތްތައްވެސް އޮންލައިންކޮށް ދިނުމަށް އޮފީސްތަކަށް ވަނީ އަންގާފައެވެ.
މި ދެންނެވުމުގައި އިތުރަށް ބަޔާންކޮށްފައި ވަނީ، އޮފީސްތަކުގައި ސީއްޙީ ރައްކާތެރިކަމާއި އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށް އަންގާފައެވެ.