ބާސެލޯނާގެ ކެޕްޓަނުކަން ކުރަމުން އައި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.

މުޅި ހަޔާތް ބާސެލޯނާގައި ހޭދަކުރި މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާ އިރު، މިއަދު ބާސެލޯނާއިން މެސީއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށްފަހު އެއްބަސްވުން އާ ނުކުރާނެކަން ހާމަކޮށް ބަޔާނެއް ވަނީ ނެރެފައެވެ.

އެ ބަޔާނުގައި ބުނީ މެސީ ބާސެލޯނާގައި މަޑުކުރުވޭނެ ހާލަތެއް މިވަގުތު ކުލަބަށް ނެތް ކަމަށާއި، ސްޕެނިޝް ލީގުގެ ގަވާއިދުގައި އޮތް ގޮތުން އެކަމަށް ފުރުސަތު ނެތް ކަމަށެވެ.

މެސީގެ ކޮންޓްރެކްޓް ހަމަވިތާ ދެ ހަފުތާ ފަހުން އޭނާ ވަނީ ކުލަބާ އެކު އިތުރު ތިން އަހަރު މަޑު ކުރުމަށް ބޭނުންވާކަމަށް ބުނެ އެއްބަސްވުމަކަށް އައުމަށް ވާހަކަތައް ފަށައިފައެވެ.

އަދި އެގޮތުން މިއަދާ ހަމައަށް ވެސް ކުރިއަށް އޮތް ސީޒަނުގައި މެސީ ބާސެލޯނާއިން ފެނިގެންދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި އެހެންމެ މިއަދުގެ ވަގުތެއްގައި މެސީގެ އެއްބަސްވުން އާ ކުރާނެ ކަމަށް ގިނަ މަސްދަރުތަކަކުން ވެސް އޮތީ ބުނެފައެވެ.

ބާސެލޯނާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުމަކީ ކްލަބާއި ކުޅުންތެރިޔާ އަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

ބާސާގެ އެއްބަސްވުން އާ ނުކުރަން މެސީ ނިންމުމާއެކު، މި ޓްރާންސްފާގައި އޭނާއަށް ހިލޭ ކުލަބު ބަދަލުކުރެވޭނެއެވެ. މެސީގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ.

އަދި މެސީއަކީ ބާސާގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ.

މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. އޭނާ ވަނީ އެކުލަބުގައި ކުޅެ ރެކޯޑް ހަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ. އަދި ކޮޕާ އެމެރިކާގެ ކާމިޔާބާއެކު މި އަހަރުގެ އެވޯޑްވެސް ކާމިޔާބުކުރާނީ މެސީކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.