21 Feb 2012, 09:23
ވޮޝިންގޓަން (ފެބްރުއަރީ 21) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުމަށް ހިންގާ ހަރަކާތްތަކުގައި ޢަލްޤާޢިދާ ބައިވެރިވާކަމަށް ތުހުމަތު ކުރައްވައި ފުރަތަމަ ފަހަރަށް އެމެރިކާގެ މަސްއޫލުވެރިއަކު ވާހަކަ ދައްކަވައިފިއެވެ.
ސީ.އެން.އެން. އަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާރޓިން ޑިމްޕްސީ ވިދާޅުވީ ސޫރިޔާގެ ހަމަނުޖެހުންތަކުގެ ތެރެއަށް އަލްޤާއިދާ ވެދެފައިވާކަމުގެ ހެކިތައް ފެންނަމުންދާ ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އެމެރިކާގެ އިސް ޖެނެރަލް ވިދާޅުވީ އަލްޤާއިދާއިން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާކަމަށް ބެލެވޭކަމަށާ މިފަދަ ޙާލަތެއްގައި ސޫރިޔާއަށް ޢަސްކަރީ ގޮތުންވަދެގަތުމަކީ އިންތިހާއަށް އުނދަނގޫކަމެއް ކަމުގައެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމާ ދެކޮޅަށް މިވަގުތު ކުރެވޭނެ ކަމަކީ އެނިޒާމާދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢު ނެރުން ކަމަށާ މިކަންކުރެވެމުންދާކަމަށް ޖެނެރަލް ޑިމްޕްސީ ވިދާޅުވިއެވެ. ސޫރިޔާ ވެރިކަމުގެ ނިޒާމާއި އެޤައުމުގެ އިދިކޮޅުފަރާތްތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް މިހާރުވަނީ ހަތިޔާރުގެ ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. މިގޮތުން ސޫރިޔާ މިހާރުވަނީ އަހްލީ ހަނގުރާމައެއްގެ ތެރޭގައި ކަމަށް ދަނީ ސިފަކުރެވެމުންނެވެ. އިއްޔެވެސް އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތައް ވެރިރަށް ދިމިޝްޤަށްވެސް ފޯރާފައިވެއެވެ.
ސަޢޫދީ އަރަބިޔާއާއި އީރާނުގެ ވާދަވެރިކަން ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާ ކަމަށާ މިކަމުގެ ސަބަބުން މައްސަލަ ޙައްލުކުރަން އިތުރަށް އުނދަގޫވެ ސޫރިޔާގެ މުސްތަޤްބަލް ބައްޓަން ވެގެންދާނެގޮތެއް ލަފާކުރަން ދަތިކަމަށް އެމެރިކާގެ ޖެނެރަލް ވިދާޅުވިއެވެ. -- އަލްޖަޒީރާ