ބައެއް ރަށްތަކަށް ދަތުރު ކުރާއިރު ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭނެ ގޮތަކަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އުސޫލަށް ގެނައި އިސްލާހުގައިވާގޮތުން ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށްތަކުން ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓް ހަދާކަށް ނުޖެހެއެވެ.

އެކަމަކު އެފަދަ ރަށްތަކުން އެހެން ރަށަކަށް ދެވޭނީ އެދާ ރަށެއްގައި ވަކި ބަޔަކު ވަކި ޕަސެންޓަކަށް ވެކްސިން ފުރިހަމަކުރުމުންނެވެ.

އެގޮތުން އެރަށެއްގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަކުރުމަކީ ޝަރުތެކެވެ. އަދި 60 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރަންޖެހެއެވެ. ހަމައެހެންމެ ގެސްޓް ހައުސްއެއް ހިންގާ ރަށެއްނަމަ، ގެސްޓް ހައުސްގައި މަސައްކަތް ކުރާ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެއެވެ.