05 Aug 2021, 17:26
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 12 އަހަރުން މަތީގެ ކުޑަކުދިންނަށް ރާއްޖޭގައި ދޭނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އެ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް ވަނީ ފައިޒާ ވެކްސިން ލިބޭނެކަމުގެ ކޮންފަމޭޝަންވެސް މިހާރު ލިބިފައި. ފައިޒާ ވެކްސިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސްތެރޭ ޖަހަން ފަށާނަން. އަދި ސީދާ ދުވަހެއް އަންނަ ހަފްތާ ތެރޭ އިއުލާނުކުރާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ޖަހާނީ ވަކި ކެޓަގަރީއެއްގެ ބަޔަކަށް ކަމަށެވެ. އެގޮތުން އެ ވެކްސިން ޖަހާނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި މާބަނޑު މީހުންނަށެވެ. އޭގެތެރޭ ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް ޖެހިފަހުން މާބަނޑުވި މީހުންނަށް ދެވަނަ ޑޯޒްއަކަށް ދޭނީ ފައިޒާ ވެކްސިންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހަމައެއާއެކު ހަށިގަނޑުގެ ދިފާއި ނިޒާމް ބަލިކަށިވާފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް ޖަހާނީ ފައިޒާ ވެކްސިނެވެ. އަދި ރާއްޖެއިން ބޭރުން ފައިޒާގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ރާއްޖެއައިސް ދެވަނަ ޑޯޒް ޖަހަންޖެހޭ މީހުންނަށްވެސް މި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރު ގައުމަތަކަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެ ދާ ގައުމަކުން ފައިޒާ ނޫން އެހެން ވެކްސިންއެއް ގަބޫލުނުކުރާނަމަ އެ ދަރިވަރަކަށްވެސް ފައިޒާ ވެކްސިން ޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ސްކޫލު ދަރިވަރުންނަށްވެސް ވެކްސިން ޖެހުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
"މިހާރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއެއްކޮށް މަސައްކަތްކުރަމުން މި ދަނީ، ސްކޫލްތަކުން ވެކްސިން ޖެހޭނެ ކުދިންގެ އަދަދުތައް ހޯދުމަށްޓަކައި. އެ ކުދިންގެ ތަފްސީލްތައް ހޯދުމާއި މިކަންކަން ކުރިޔަށް އެބަދޭ. މިހާރުވެސް މިކަންކަން ކުރިޔަށް އެބަދޭ،" ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންކަން ސްކޫލް ދަރިވަރުންނަށް ކުރިޔަށް ގެންދާނީ ސްކޫލްތައް މެދުވެރިކޮށްކަމަށެވެ. އަދި މާލޭގައި ފައިޒާ ވެކްސިން ދޭން ފެށުމާއެއްކޮށް އަތޮޅުތަކުގައިވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ފައިޒާ ވެކްސިން ޖެހުމުގެ ކަންކަން މަގުފަހިވެގެންދާނެކަމަށެވެ.