މާލެ ސަރަހައްދުގައި ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ކޮލެޖު ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ކަންކަން އަލުން ފެށުމުގެ ހުއްދަދީފައި މިވަނީ ގިނަ ދުވަހަކަށްފަހުއެވެ.

އެގޮތުން މި ދުވަސްތަކުގައި ދަރިވަރުންނަށް ކިޔައިވައިދެމުން އައީ އޮންލައިންކޮށް ކުލާސް ނަގައިދީގެންނެވެ. ނަމަވެސް ވަރަށް ގިނަ ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ މިގޮތަށް އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ.

ހަމައެއާއެކު ގޭގައި ތިބެގެން ކިޔަވަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެ ވަރަށް ގިނަ ދަރިވަރުންގެ ކިޔެވުމަށްވެސް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

ސްކޫލްތަކާއި ކޮލެޖުތައް އަލުން ހުޅުވަމަށް ތައްޔާރުވެފައިވާއިރު ކުރިޔަށް އޮތް ދިރާސި އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. އެހެންނަމަވެސް ބައެއް ކޮލެޖުތަކުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުއެވެ.