05 Aug 2021, 14:41
ގިނަ ދުވަސްތަކެއް ވަންދެން ހުއްޓާލާފައި އޮތުމަށްފަހު ފުތުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގޯލް ކީޕަރުން ތަމްރީން ކުރާ އެކެޑެމީގެ ފަރިތަކުރުންތައް އަލުން ފަށައިފިއެވެ.
މީގެ ދެ އަހަރުކުރިން ފަށައިގެން ކުރިއަށް ގެންދިޔަ އެކެޑަމީގެ މަސައްކަތް ހުއްޓާލީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކުއެވެ.
ބައިވެރިވާން ބޭނުންވާ ހުރިހާ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އެކަޑަމީގެ ފަރިތަކުރުންތަކުގައި ދިވެހި ލީގުގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކީޕަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ
އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މިއެކަޑަމީގެ އިސްކޮށް ހަރަކާތްތެރި ވަނީ ގައުމީ ޓީމުގެ ކީޕަރުން ތަމްރީން ކުރާ އަސްލަމް އަބްދުއްރަހީމްއެވެ.
ރާއްޖޭގެ ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދު އަދި މަޝްހޫރު ކީޕާ ޓްރެއިނަރުން ކަމުގައިވާ ހަސަން ހަމީދުގެ އިތުރުން އިބްރާހިމް ސަލީމްވެސް އެކަޑަމީގެ ކުޅުންތެރިން ތަމްރީނު ކުރުމުގައި ބައިވެރިވެއެވެ.
އެކަޑަމީގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކިފަންތީގެ ކީޕަރުންނަށް އެކި ސެޝަންތަކަކަށް ހާއްސަކޮށްގެންނެވެ.