21 Feb 2012, 08:27
ފަހަކަށް އައިސް މުޒާހަރާތަކާއި އެނޫން ވެސް ސިޔާސީ އެއްވުންތަކާއި ހަރަކާތްތަކުގައި ކުޑަކުދިން ދަނީ ފެންނަމުންނެވެ. ވޭދުވެ ދުވަސްތަކުގައި ކުރީގެ އިދިކޮޅު ފަރާތްތައް އިއްތިހާދުވެގެން މާލޭގައި މުޒާހަރާތައް ކުރި އިރު ވެސް ސީދާ ހަރަކާތުގައި ކުޑަކުދިން އުޅެފައި ވެއެވެ. ނަމަވެސް މިދިއަ ދެ ދުވަހެއްގެ ތެރޭގައި ކުޑަކުދިން، މުޒާހަރާތަކުގައި ބައިވެރި ކުރުމުގެ އަޑު ނުކުމެފައި ވަނީ އެމްޑީޕީން ފެށި އިންސާފުގެ ދަތުރުގެ މުޒާހަރާއާ ހަމައިންނެވެ. ހަގީގަތަކީ އެއް ވެސް ސިޔާސީ ހަރަކާތެއްގެ ތެރެއަށް ސީދާކޮށް ވެސް ނުސީދާ ކޮށްވެސް ކުޑަކުދިން ވެއްދުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ. އެހެންވާނަމަ އެއީ މައްސަލައެކެވެ. ސިޔާސީ ފަރާތްތަކުން އެކަން ހައްލު ކޮށްދޭން ޖެހޭނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން އެއްވެސް ސިޔާސީ ހަރަކާތެއްގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރި ކޮށްގެން ނުވާނެ އެވެ. އަދި ފަހަކަށް އައިސް އެފަދަ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރަމުންދާ ދިއުމާމެދު ކޮމިޝަން ކަންބޮޑުވެ އެވެ.
"މި މައްސަލައަކީ [ސިޔާސީ ހަރަކާތުގައި ކުޑަކުދިން ބައިވެރި ކުރުމަކީ] ޒިންމާދާރު ކަމާއިއެކީ ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް ވިސްނަން ވެއްޖެކަމެއް. ކުޑަކުދިން ސިޔާސީ ކަންތައްތަކުގައި ބައިވެރިކުރަމުންދާނަމަ އެ ކުދިންގެ މުސްތަގުބަލް ބަނަވެގެން ހިނގައިދޭ،" ފުއާދު ވިދާޅުވި އެވެ.
މިދިއަ ހުކުރު ދުވަހު އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި ފެށި ބޮޑު މުޒާހަރާ މެދުކަނޑާ ނުލައި ކުރިޔަށްދާއިރު މުޒާހަރާ ބާއްވާ ލޮނު ޒިޔާރަތްކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިން ހިމެނެ އެވެ. އަދި މިދިއަ ހޮނިހިރު ދުވަހު އެ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ހަރަކާތުގައި ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ވަނީ އަޑު އުފުލާ ބަޔާންތައް ނެރެފަ އެވެ.
އާދަކޮށް ހަވީރު ގަޑީގައި ކުޑަކުދިން ޖަމާވާ ލޮނުޒިޔާރަތްކޮޅުގައި ހޮނިހިރު ދުވަހު އެމްޑީޕީން ކުޑަކުދިންގެ ހަވީރެއް އިއުލާންކުރުމުން ގިނަ ކުޑަކުދިންތަކެއް ވެސް ޖަމާވި އެވެ. ނަމަވެސް އެ ގަޑީގައި ވެސް ދޭތެރެދޭތެރެއިން އަޑުގަދަ ކުރާއިން ސިޔާސީ ވާހަކަ ދައްކައި ނިއުސް ކޮންފަރެންސް ޖެއްސި އެވެ.
ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ބުނި ގޮތުގައި އެމްޑީޕީގެ އިންސާފުގެ ދަތުރުގެ މުޒާހަރާގެ ސަބަބުން ކުޑަކުދިންގެ ގިނަ ހައްގުތަކެއް ގެއްލިގެން ދެއެވެ. އަދި އެއީ އިންސާފެއް ނޫނެވެ.
ކެޕްސް އިން ބުނިގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކުރާ މުޒާހަރާގެ ސަބަބުން ސްކޫލު ކުދިންނަށް ކިޔަވަން ދަތިވެ، ތުއްތު ކުދިންނަށް ނުނިދޭ ކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ކުރެ އެވެ. ހާއްސަކޮށް ދަންވަރުގެ ވަގުތުތަކުގައި ބާރަށް ލަވަޖަހައި، އަޑުގަދަކޮށް ވާހަކަ ދައްކާ ހެދުމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ކުޑަކުދިންގެ ހައްގުތައް ގެއްލެ އެވެ.
ހަމައެކަނި އެމްޑީޕީގެ މުޒާހަރާއެއް ނޫނެވެ. ފަހަކަށް އައިސް ހުރިހާ ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ވެސް ކުޑަކުދިންނަށް ނުބައި އަސަރުތައް ކުރާ ގޮތަށް ކަންކޮށްފައި ވެއެވެ. އަދި ދާދި ފަހުން ވަނީ ދެރެއެއްގެ މަތިން މުޒާހަރާތަކުގައި ހުސް އަވަގުރާނަ ވެސް ގޮވާފަ އެވެ. ހުކުރު ދުވަހު އިންސާފުގެ ދަތުރުގައި ވެސް ސިޔާސީ އިސް އޮފިޝަލަކު ވަނީ އަވަގަރާނައަށް މާނަ ދޭހަވާ އިބާރާތް އަޑު ހަރުކޮށް ބޭނު ކުރައްވާފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވި ގޮތުގައި މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތައް އެ ކޮމިޝަނުން މޮނިޓާ ކުރަމުން ގެންދެ އެވެ. އެގޮތުން އިންސާފުގެ ދަތުރު ވެސް ކޮމިޝަނުން ދަނީ މޮނިޓާ ކުރަމުންނެވެ.
އަޒުރާ ވިދާޅުވި ގޮތުގައި މުޒާހަރާ ހަރަކާތްތަކުގައި ވަޔަލެންޓް ވުމުގެ އިތުރުން ކުޑަކުދިން ހިމެނޭ ގޮތަށް ހަރަކާތް ހިންގުމާއި ކުޑަކުދިންގެ ހައްގުތަކާއި ހެދިބޮޑުވުމާއި ކުދިންގެ ތައުލީމާއި ތަރުބިއްޔަތަށް އަސަރު ކުރުރުވާފަދަ ކަންކަން ކުރާނަމަ އެކަމާ ކޮމިޝަނުން ވަރަށް ބޮޑު ކަންބޮޑުވުމެއް އޮވެ އެވެ.
"މިކަންކަން މިހާރަކު އެކަންޏެއް ނޫން އަޅުގަނޑުމެން މޮނިޓާ ކުރަނީ އަޅުގަނޑުމެން އަބަދުވެސް ބަލައި މޮނިޓާ ކުރަމުން މިގެންދަނީ. އެކަންކަމާ ގުޅިގެން ބަޔާންތައް ވެސް ނެރެމުން މިދަނީ، ކުޑަކުދިންގެ ހައްގުތައް މުހިންމުވޭ [މުޒާހަރާތަކުގައި] އެކަމަށް ބުރޫއަރަންޏާ ކޮމިޝަނުން ވަރަށް ބޮޑަށް ކަން ބޮޑުވޭ،" އަޒުރާ ވިދާޅުވި އެވެ. "މިކަމަށް [މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރަމުންދާ ދިއުމަށް] ދާއިމީ ހައްލެއް ގެނައުމަށްޓަކައި އެކިއެކި މުއައްސަސާތަކާއެކު މަޝްވަރާތައް ކުރުމަށް ވެސް އަޅުގަނޑުމެން އެބަ ރާވަން. ހާއްސަކޮށް އެޑިކޭޝަނާއި ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރާނަން،"
އެމްޑީޕީގެ މުޒާހަރާގެ ދެވަނަ ދުވަހު ބޭއްވި ހަވީރަކީ ކުޑަކުދިން ބޭނުންކޮށްގެން ސިޔާސީ ނާޖާއިޒް ފައިދާ ހޯދުމަށް ބޭއްވި ހަވީރެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އެމްޑީޕީގެ އޮފިޝަލުން ވިދާޅުވަނީ އިންސާފުގެ ދަތުރުގައި ކުޑަކުދިން ބައިވެރި ކުރުމުގެ އެއްވެސް ނިޔަތެއް އެޕާޓީގެ ނެތް ކަމަށެވެ.
"މި މަސަރަހައްދަކީ ކުޑަކުދިން ހަވީރުކޮޅު ޖަމާވާ ސަރަހައްދެއް. މެދުނުކެނޑި މިތާނގައި ހަރަކާތެއް ދާއިރު ކުދިންނާ ވެސް ލައްވާލާފާނެ، އެއީއަކީ އެމްޑީޕީން ގަސްދުގައި ކުޑަކުދިން ބައިވެރި ކުރުމެއް ނޫން، ދެން ކުޑަކުދިން ހަވީރުގައި ސިޔާސީ ހަރަކާތެއް ހިންގާފައެއް ނުވޭ،" އެ އޮފިޝަލު ވިދާޅުވި އެވެ.
މުޒާހަރާގައި ކުޑަކުދިން ބައިވެރި ކުރާތީ ޕީޕީއެމުން ވެސް ވަނީ ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ބުނަނީ އިންސާފުގެ ދަތުރު ކުރިޔަށްދާއިރު ތުއްތު ކުދިން، ރީނދޫ ފޮތި އައްސައި އެމްޑީޕީގެ ބެޖު ޖަހާފައި ތިބޭ ކަމަށާއި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ޚިލާފު ކަމެއް ކަމަށެވެ އަދި އެ ބަޔާން ބުނެ އެވެ: "އަދި މިކަން ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް މިއަދުގެ ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ."
އިލެކްޝަނުން ބުނި ގޮތުގައި އެމްޑީޕީން މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރާ ކަމުގެ ޝަކުވާ ކޮމިޝަނަށް ރަސްމީކޮށް ހުށަހެޅިފައެއް ނުވެއެވެ. އަދި އެކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ: "ވަކި އެމްޑީޕީ މުޒާހަރާ ފާހަހަކޮށް ކޮމިޝަނަށް އެފަދަ މައްސަލައެއް ހުށަހަޅާފައެއް ނުވޭ އަދިއެއް. އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އަޅަންޖެހޭ ފިޔަވަޅެއް ކޮމިޝަނުން އަޅާނަން،"
މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރި ކުރާ މައްސަލަ އާއި ބައިވެރިވާ މައްސަލައަކީ ސީރިއަސް މައްސަލައެކެވެ. އެ މައްސަލަތައް ބަޔަކު ރިޕޯޓް ކުރަންދެން ކޮމިޝަން އޮންނާކަށް ނުޖެހެ އެވެ. ސަބަބަކީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބަލައި މޮނިޓާ ކުރަންޖެހޭ ފަރާތަކީ ކޮމިޝަން ކަމަށްވުމެވެ. ހަމައެހެންމެ ސިޔާސީ ހަރަކާތް ހިންގާ ފަރާތްތަކުގެ ވެސް ޒިންމާތަކެއް ވާނެ އެވެ. އެފަރާތްކުން ވެސް އިންސާނީ ހައްގާއި އިޖުތިމާއީ ޒިންމާއާ ފޭރާމާމެދު ވިސްނުން ބަހައްޓަން ޖެހޭނެ އެވެ. އޭގައި އެމްޑީޕީއެއް ޕީޕީއެމެއް ތަފާތެއް ނެތެވެ. ގާނޫނު އަސާސީގެ 67 ވަނަ މާއްދާގެ އަކުރު (ހ) ފެށިގެން (ވ) އާ ހަމައަށް ބަލައިލާށެވެ.