ކ. މާފުށީ ކޯޓުން ޝަރީއަތް ހިންގާނެ ކޮޓަރިއެއް ނުލިބުމުން މިއަދަށް ތާވަލްކުރި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ އޭގެ ދެދުވަސް ފަހުން ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އޮންލައިންކޮށް ބާއްވާ އެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކުރީ މިއަދު ހެނދުނު 11:00 އަށެވެ. ކޮވިޑާ ގުޅިގެން މާފުށީ ޖަލުގައި ތިބި މީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ މާފުށީ ކޯޓަށް ހާޒިރުކޮށްގެން ކްރިމިނަލް ކޯޓާ ވީޑިއޯ ކޮންފަރެންސްކޮށްގެނެވެ.

މިއަދުގެ އަޑުއެހުން ފެށުމަށްފަހު ގާޒީ ވަނީ މާފުށީ ކޯޓުން ކޮޓަރިއެއް ނުލިބިގެން ޝަރީއަތް ކުރިއަށްގެންދެވެން ނެތްކަން އިއުލާން ކުރައްވާފައެވެ.

ވަޅިން ހަމަލާދީ ނަދީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ.

އެމީހުންނަކީ:

  • ހުސައިން ޝާމިން، ސަމަންތާ، ރ. އިންނަމާދޫ

  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް، ގއ. ގެމަނަފުށި
  • އަލީ ނިފާޒު، ވިދާތަރި، ލ. ގަން

މީގެއިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލާގައި ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ދެ މީހަކު ވަނީ މަފާޒު، ނަދީމަށް ވަޅިން ހަމަލާދިން މަންޒަރު ދުށް ކަމަށް ހެކިބަސްދީފައެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކީން ވަނީ ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން އެމީހުންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށްގެންދަން ދައުލަތުން ވަނީ އެދިފައެވެ.