14 Jul 2010, 10:51
14:30
ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންގެ ތަފާތު ލިޔުންތަކާއެކު ނެރޭ "ސަން މެގަޒިން"ގެ ފުރަތަމަ އަދަދު މިރޭ ނުކުންނާނެ އެވެ.
ސަންއެފްއެމްގެ ސީއީއޯ ސިނާން އަލީގެ އެޑިޓަރުގެ ކަމުގެ ދަށުން ނެރޭ ސަން މަޖައްލާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސިނާން މިއަދު ވިދާޅުވީ، ގައުމުގެ ހާލަތަށް ރައްޔިތުން ހޭލުންތެރިކުރުމަކީ މީޑިއާގެ ޒިންމާއެއް ކަމަށާއި އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވެނީ ޕްރިންޓް މީޑިއާއަށް ކަމަށެވެ. އެހެން ނަމަވެސް، މިއަދު ޕްރިންޓް މީޑިއާ ވަނީ ބަލިކަށިވެފައި ކަމަށާއި އަދި މަޖައްލާތައް ނެރުން ހުއްޓިފައިވާކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ، ސަން މަޖައްލާ ނެރުމުގެ މަގްސަދަކީ ޕްރިންޓް މީޑިއާއަށް އައިސްފައި މިވާ ހުސްކަން ފިލުވުން ކަމަށެވެ.
ފޮތް ވިއްކާ ފިހާރަތަކުން 20 ރުފިޔާއަށް ލިބޭ މި މައްޖާލާގައި ރައްޔިތުން ހޭލުންތެރިވާން ޖެހޭ ބައިތަކުގެ އިތުރުން މައުލޫމާތާއި މުނިފޫހިފިލުވައިދިނުމުގެ ބައިތައް ހިމެނޭނެ އެވެ. އަދި ލިޔުންތެރިކަމުގެ ރޮނގުން ގައުމީ އަދި ބައިނަލް އަގްވާމީ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރައްވާފައިވާ ފުންނާބު އުސް ލިޔުންތެރިންގެ ލިޔުންތައް ސަން މަޖައްލާއިން ފެނިގެންދާނެ ކަމަށް ވެސް ސަންގެ އެޑިޓަރ ވިދާޅުވި އެވެ.
ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުން ނެރޭ ސަން މަޖައްލާއަށް ލިޔުއްވާ ކޮލަމިސްޓުންނާއި އެބޭފުޅުންގެ ކޮލަމްތަކަށް ބަލާއިރު ހިމެނެނީ އެންމެ ތަޖުރިބާކާރު އެއް ލިއުންތެރިޔާ ކަމުގައިވާ ސީނާ އަހްމަދު ޒާހިރުގެ "ސިކުނޑީގެ ތޫފާން" އާއި، އަބްދުﷲ ފާރޫގު ހަސަންގެ "ދިޔަތިކި" އާއި ތިމާވެށީގެ ގްލޯބަލް ފައިވް ހަންޑްރެޑް އެވޯޑް ހޯއްދަވައިފައިވާ މީމުޒަވިޔަނީގެ "އަޅުގަނޑުމެންގެ މާހައުލުން"ނާއި، މުހައްމަދު ބުޝްރީގެ "ކެޔޮނިރާ"އި މުހައްމަދު ޝަހީބުގެ "ހަވާސް" އާއި، އިމާދު ލަތީފްގެ "ފަންވަތާ"އި މަޝްހޫރު ޑޮކްޓަރު ޑރ. އަހުމަދު ރާޒީގެ "ޑރ.ރާޒީގެ އިރުޝާދާ"އި މުންޑޫ އާދަމް ހަލީމްގެ "ރަންދެއްޔާ"އި ސިނާން އަލީގެ "ކޮމާކޯޅީ"ގެ އިތުރުން ފަރެސް މުހައްމަދު އާމިރުގެ "ދިޔަވަރު" އަދި ސިއްކަގޭ މުހައްމަދު ނަސީމްގެ "ސިއްކަ" ހިމެނެ އެވެ.
މި ލިޔުންތެރިންގެ ލިޔުންތަކަކީ އެއަށް ރައްޔިތުން އެއްވެސް ޝައްކެއް ނެތި ފުރިހަމައަށް އިތުބާރުކުރާނެ ލިޔުންތަކެއް ކަމަށް ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ، ކުރީގެ މަޖައްލާތައް އުވިގެންދިޔަ މައިގަނޑު ސަބަބަކީ އެ މަޖައްލާތައް ނެރުމުގެ މަގްސަދު ގެއްލި، ސިޔާސީ ކުލަ ޖެހިފައިވާ ވަކި އެޖެންޑާއެއް، ފިކުރެއް ޕްރޮމޯޓްކުރަން މަސައްކަތް ކުރުން ކަމަށެވެ. އެހެން ނަމަވެސް، ސަން މަޖައްލާގައި ވަކި ފިކުރެއް ނުވަތަ ކަމެއް ޕްރޮމޯޓުނުކޮށް، މަސައްކަތް ކުރިއަށްގެންދާނީ ގައުމީ ވިސްނުމެއްގައި ކަމަށް ސިނާން ވިދާޅުވި އެވެ. އަދި ލިޔުންތެރިން ވެސް ވަކި ކޮޅަކަށް ޖެހިވަޑައިނުގެން، ގައުމީ ވިސްނުން ކުރިއަށް ނެރެގެން ލިޔުއްވާނަމަ، ކިޔައިމީހުން އިތުރުވެ، މަޖައްލާ ގަންނަ މީހުން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސިނާން ވިދާޅުވި އެވެ.