21 Feb 2012, 09:09
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ. ސަރުކާރުގެ ސިޔާސަތު ގާނޫނުތަކުގެ ތަރަހައިގައި ޖައްސަން ތިބެނީ ވެސް އެ މެންބަރުންނެވެ. ބޭނުމަކީ ސަރުކާރު ހިންގުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ގާނޫނީ ބާރުވެރިކަން ރައީސުލްޖުމްހޫރިއްޔާއަށް ދިނުމެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން އެ ދައުރު އަދާ ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ.
ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓް، ފައިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުމުން އުނިއިތުރު ގެންނަ ހާލަތުގައި ބަޖެޓްގެ ބަލަދުވެރިންނަކީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ. ޓެކްސް ނެގުމަށާއި ޓެކުހެއް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށެހެޅޭނީ ވެސް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް ބުނަނީ އެހެންނެވެ. އެނޫން ގޮތަކަށް މަޖިލީހަށް ސަރުކާރަކުން ބިލެއް ހުށައެއް ނޭޅެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) ބުނަނީ މަޖިލީހަށް ބިލު ހުށަހެޅޭނީ ސަރުކާރުންނާއި މެންބަރުންނަށެވެ. ސަރުކާރުން ހުށަހަޅާ ބިލު މަޖިލީހަށް ހުށަހަޅާނީ، ސަރުކާރު ނިސްބަތްވާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނުވަތަ އޭނާ ކަނޑައަޅާ މެންބަރެކެވެ. އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެކުހެއް ނެގުމަށް ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލުތައް ހުށަހަޅާނީ ސަރުކާރުންނެވެ.
ރައީސް ނަޝީދުގެ ސަރުކާ ވެއްޓި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރު އާއިރު މަޖިލިސް އޮތީ ޗުއްޓީގަ އެވެ. އަންނަ މަހު މަޖިލިސް ހުޅުވޭއިރު ރައީސް ވަހީދު ނިސްބަތްވާ ޕާޓީ ގައުމީ އިއްތިހާދުގެ މެންބަރަކު މަޖިލީހުގެ ގޮނޑިއެއްގައި ހިމެނިވަޑައިނުގަންނަވަ އެވެ. ރައީސް ވަހީދުގެ ސަރުކާރަށް ޕާޓީތަކުން ބައިއަތު ހިފިނަމަވެސް، ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތައް މަޖިލީހަށް ހުށަހަޅާނެ ގޮތަކާމެދު ސުވާލު އުފެދެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް ގާނޫނީ ބޭފުޅުން ކިޔައި ދެނީ ދެ ގޮތެކެވެ؛ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނު ސުއޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ނެތުމުން، ޖެހޭނީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށެވެ. ނުވަތަ ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ޕާޓީ މެންބަރަކު ކުރިމަތިލައްވައި ގޮނޑި ކާމިޔާބު ކުރައްވާށެވެ.
މިކަން ކޮޅެއްގައި ޖެއްސިދާނެ ތިންވަނަ ގޮތެއް ވެސް އެބައޮތެވެ؛ އެއީ މިހާރުވެސް މަޖިލިސް ތަމްސީލު ކުރައްވާ މެންބަރަކު ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ޕާޓީއަށް ސޮއިކުރެއްވުމެވެ. އޭރުން އެ ބޭފުޅަކަށް މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވައި ސަރުކާރު މާލީ، ނުވަތަ އިގްތިސާދީ ބިލުތައް ހުށަހެޅުމުގައި ސަރުކާރަށް އޮތް ހުރަސް ގިރާ ކުރެވިދާނެ އެވެ.
"ސަރުކާރުގެ ބިލަކީ ފައިނޭންޝަލް ބިލުތައް. ޓެކްހާއި ބަޖެޓާއި މިހެންހުންނަ ބިލުތައް. އަދިވެސް ހުންނާނެ އިދާރީ ބައެއް ބިލުތައް ސަރުކާރުގެ ބިލުގެ ގޮތުގައި. އެފަދަ ބިލުތައް މަޖިލީހަށް ހުށަހެޅޭނީ މިހާރުގެ މަޖިލީހުގެ ގަވާއިދުން ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް. ނުވަތަ މެންބަރަކަށް. ސަރުކާރުގެ ބިލުތައް މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުވާން އެބަޖެހޭ،" ސުއޫދު ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވެސް ވިދާޅުވީ އެހެންނެވެ. އެކަމަނާ ވިދާޅުވީ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރެވެން އޮތް ކަމަށް ދެކެނީ މަޖިލީހުގެ ގަވާއިދު އިސްލާހުވުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ސަރުކާރާއެކު އަށް ޕާޓީން ބައިޔަތު ހިފިއަސް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ތަމްސީލު ކުރާ އިދިކޮޅު އެމްޑީޕީން އެ ފުރުސަތު ދޭނެ ހެއްޔެވެ؟ ފެންނަ މަންޒަރަށް ބަލާއިރު ހީއެއް ނުވެ އެވެ. ސަބަބަކީ މުޅި އެމްޑީޕީން ރައީސް ވަހީދުގެ ސަރުކާރު ބަލައިގަންނަ ގޮތަކީ" ބާޣީ ސަރުކާރެއް"ގެ ގޮތުގައި ކަމަށް ވާތީ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ފުރުސަތު ދެވޭނީ ގާނޫނީ ސަރުކާރަކަށް ކަމަށެވެ. ޣައިރު ގާނޫނީ ސަރުކާރަކަށް އެ ފުރުސަތެއް ނުދެވޭނެ އެވެ.
"ފުރަތަމަ ކަމަކީ، މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް! އަޅުގަނޑުމެން ބުނަމުންމިދަނީ މާޗް 1، ކުރިން އިންތިހާބެއް ބާއްވާށޭ. އެނޫން ގޮތަކަށް މަޖިލީގައި ކަމެއް ނުކުރެވޭނެ، ވަކި ވަކި މެންބަރުންގެ ޝުއޫރު ވެސް ހުރީ ހަމަ އެހެން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް އެމްޑީޕީ ފުރުސަތު ނުދީފިނަމަ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރެވެން އޮތް އަނެއް ގޮތަކީ ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ރައީސް ވަހީދުގެ ޕާޓީ، ގައުމީ އިއްތިހާދުގެ ބޭފުޅަކު ކުރިމަތިލައްވައި ކާމިޔާބު ކުރުމެވެ. އެ ގޮނޑި ކާމިޔާބު ކުރެވެން އޮތީ ސަރުކާރާ އިއްތިހާދުވެފައިވާ އަށް ސިޔާސީ ޕާޓީ އެ ގޮނޑި ސަރުކާރަށް ދިނުމަށް އެއްބަސްވުމެވެ.
މި މައްސަލައަކީ ބަހުސަކަށް ވެގެން އަންނާނެ މައްސަލައެކެވެ. މި މައްސަލަ ދެކޮޅަށް ދެމޭ ވާން ދައްކާ ބަހުސަކަށް ވެގެން އަނާނީ ރައީސް ވަހީދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވާ ހިސާބުންނެވެ.