05 Aug 2021, 10:32
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ގުޅެން ތައްޔާރަށް ހުންނެވިކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު ކޯލިޝަން އާ އަބަދުވެސް ގުޅެން ބޭނުންވާ ކަމަށް އަދި ގުޅިގެން މަސައްކަތް ކުރަންވެސް ބޭނުންވާ ކަމަށެވެ.
"ހަމަ މި ސަރުކާރަށް ތާއީދު ނުކުރާ އެންމެންނާ ގުޅެން ތައްޔާރު. މި ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރަން، ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން ބޭނުން އަޅުގަނޑު،" ޖާބިރު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީ އިހްތިޖާޖުވެސް ކުރައްވާފައެވެ.
އިހުތިޖާޖު ކުރެއްވީ މަޖިލީހަށް މަސައްކަތް ކުރަން ވަދެވަޑައިގަންނަވަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ޖާބިރު ވަނީ އެކި ފަހަރު މަތިން މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވެ ސަރުކާރަށް ނުރުހުން ފާޅުކުރައްވާފައެވެ.