ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫ ކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ދެއްވި ބަޔާން ލީކު ކޮށްލީ ކަމުގެ ހަގީގަތް އޮޅުވާލާ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ދެއްވާފައިވާ ބަޔާނުގެ ކޮޕީއެއް މީޑިއާގައި މިއަދު ވަނީ ޝާއިއު ކޮށްފައެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް، ރައީސް ޔާމީން ދެއްވި ބަޔާން ލީކު ކޮށްލުމާ ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެއީ ސަރުކާރު އަޑީގައި އޮވެގެން ހިންގި ޖަރީމާއެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ކޯޓެއްގައި މައްސަލަ ހިނގަމުން ދަނިކޮށް، އެ މައްސަލާގައި ތަހުގީގަށް ދީފައިވާ އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށެވެ.

"ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަހުގީގީ އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތު ތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި ބެލެވޭއިރު، އެފަދަ މަލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި މިކޯލިޝަނުން ސިފަ ކުރަން،" ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ސައްހަކަން ކަށަވަރު ކުރުމެއް ނެތި ލީކު ކޮށްލާފައިވާ އެ ބަޔާނުގައިވާ މައުލޫމާތު ތަކުގެ ސަބަބުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

މިކަމަކީ ސަރުކާރާއި ޕީޖީ އަދި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނާތީ، ސަރުކާރުގެ ނުފޫޒު ތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާ އަކުން އެކަން ބަލައި ފިޔަވަޅު އެޅުމަށް ވެސް ޕީޕީއެމް، ޕީއެންސީން ވަނީ ގޮވާލާފައެވެ.