20 Feb 2012, 22:44
ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއުލާން ކުރައްވާފައިވާ ރޯޑްމެޕާ މެދު އެއްބަސް ވާން ހުރިހާ ސިޔާސީ ޕާޓީތަކާއެކު ނަސަންދުރާގައި މިރޭ ފެށި، އޯލްޕާޓީ ޓޯކްސްގައި އެމްޑީޕީން ބައިވެރި ނުވީ ރިޔާސީ އިންތިހާބު އަވަސް ކުރުމާ މެދު މަޝްވަރާކުރަން އެޖެންޑާކޮށްފައި ނެތުމުން ކަމަށް އެ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓް ގްރޫޕުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
"އެބޭފުޅުންނަށް އެނގޭނެ އަޅުގަނޑުމެން ކަންކުރަން މިއުޅެނީ ކިހާ ހިސާބަކުން ކަން. އިންތިހާބެއްގެ ޑޭޓް [ތާރީހު] ކަޑައަޅަންކަން. އެ ހިސާބަށް ދިޔައިމާ އެ ވާހަކަތައް ފެށުނީމަ އަޅުގަނޑުމެންނަށް ގޮސް [ވާހަކަތައް] ފެށޭނެ، އަދި މަޝްވަރާ ކުރެވޭނެ." ސަންއޮންލައިނުން ސުވާލުކުރުމުން އޯލްޕާޓީ ޓޯކްސްގެ ފުރަތަމަ ސެޝަން ބޮއިކޮޓް ކުރެއްވެވި ސަބަބު، އިބޫ ވިދާޅުވެ ދެއްވި އެވެ.
އޭނާ ވިދާޅުވީ މިރޭގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ އެ ބައްދަލުވުން ކުރިއަށް ގެންދާނެ ތަނަކާއި ގަޑިތަކަކާ މެދު ކަމަށާއި އެމްޑީޕީން އޮތީ ކޮންމެ ތަނެއް ވިޔަސް ގޮސް ކޮންމެ ވަގުތެއްގައި ވެސް އިންތިހާބު އަވަސްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ތައްޔާރަށް ކަމަށެވެ.
"މިރޭ އޮތީ ހައުސް ކީޕިން ކަމަށް ވަނީ. އެއީ އަދި އަޅުގަނޑުމެން ބައިވެރިވާ ހިސާބު ކަމަކަށް ނުވާތީ ބައިވެރިނުވީ. އަޅުގަނޑުމެން މި އުޅެނީ އެތަނުގައި ސީރިއަސް މަސައްކަތްތަކެއް ކުރަން ދާން. އެއީ ކޮންމެ ގަޑިއެއްގައި ކަމަށްވިޔަސް އަދި ކޮންމެ ތަނެއްގައި ކަމައްވިޔަސް!" އިބޫ ވިދާޅުވި އެވެ.
އޯލް ޕާޓީ ޓޯކްސްގެ ފުރަތަމަ ސެޝަނަށް އެމްޑީޕީ ހާޒިރުނުވުމުން، މިރޭ ބައްދަލުވުން ނިންމާލީ ހާޒިރުވި އަނެއް އަށް ސިޔާސީ ޕާޓީގެ މެދުގައި ނުރަސްމީ ވާހަތަކެއް ދެއްކުމަށް ފަހު އެވެ. މިރޭގެ ބައްދަލުވުމުގައި ރޯޑް މެޕާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރެ އެވެ.
ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޑީއާރްޕީން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު (އަންޑޭ) އެވެ. ޕީޕީއެމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދެވެ. ޕީއޭގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ގައުމީ އިއްތިހާދު ޕާޓީން އަހުމަދު ތައުފީގް (ޓޯޕީ) އެވެ. އަދާލަތުގެ ޕާޓީން މުހަންމަދު އިޔާދު ހަމީދެވެ. ޖުމްހޫރީ ޕާޓީން އައްބާސް އާދިލް ރިޒާ އެވެ. ގައުމީ ޕާޓީން އަމީން އާންމު އަބްދުﷲ އަމީނެވެ. އެމްއާރުއެމް އިން އިބްރާހިމް ދީދީ (ކޭޑީ) އެވެ. އޯލް ޕާޓީ ޓޯކްސްގެ ރިޔާސަތު ބެލެހެއްޓެވީ ކުރީގެ މިނިސްޓަރު އަދި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ގ. ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ އެވެ.