04 Aug 2021, 21:10
ކާބުލް (އޮގަސްޓު 4): އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓަރު ބިސްމިﷲ ޚާން މުހައްމަދީގެ ގެޔަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު އިއްޔެ ހަމަލާދީފިއެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި މުހައްމަދީގެ ގެ ކައިރީގައި ބަޑި ޖަހާ، ކާރެއް ގޮއްވާލީ މިނިސްޓަރު ގޭގައި ނޫޅުއްވާ ވަގުތެއްގައެވެ. އެ ގެ ހުންނަނީ ސަރުކާރު އިމާރާތްތަކާއި އެމްބަސީތައް ހުންނަ ގްރީން ޒޯން ކައިރީގައި ކަމުން، ހަމަލާ ދޭން ފެށިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ސްޕެޝަލް ފޯސެސްއަށް އެތަނަށް ދެވުނު ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އަފްގާން އޮފިޝަލުން ވިދާޅުވި ގޮތުގައި ހަމަލާ ދިން ވަގުތު މިނިސްޓަރުގެ ގޭގައި ތިބި އާއިލާގެ މެމްބަރުން ސަލާމަތް ކުރެވުނެވެ. އަދި އެ ހަމަލާ ދިން ފަސް މީހުންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ތިން ގަޑި އިރުވަންދެން ހަމަލާ ބަދަލު ކުރި ކަމަށާއި އެ ހަމަލާތަކުގައި އޭގެ ތެރެއިން ހަތަރު މީހަކު މަރުވި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެ ހަމަލާގައި 20އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.
އެ ހަމަލާ ނިމުމަކަށް އައި ފަހުން މުހައްމަދީ ވަނީ ގައުމުގެ ރައްޔިތުން ހާސް ނުވުމަށާއި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އާއި އޭނާގެ އާއިލާގެ މެމްބަރަކަށް އަނިޔާ ނުވި ނަމަވެސް ބައެއް ސެކިއުރިޓީ ގާޑުންނަށް އަނިޔާވިކަން ހާމަ ކުރައްވާފައެވެ.
އަފްގާނިސްތާނުގެ ތާލިބާން ޖަމާއަތުން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ލީޑަރުންނާ ދެކޮޅަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ފެށި ފަހުން ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލާފައެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ ޓެރަރިޒަމްގެ ނުރައްކާ އިތުރުވެދާނެ ކަމުގެ އިންޒާރު އަސްކަރީ އޮފިޝަލުން ވަނީ ދެއްވާފައެވެ. އަދި އިންސާނީ ކާރިސާއަކަށް މަގުފަހިވެ، ކާނާ އާއި ފެނާއި ޒަރޫރީ ހިދުމަތްތައް ލިބުން ދަތިވުމުގެ ބިރު އޮތް ކަމަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުންޏެވެ.