04 Aug 2021, 16:06
ލިފްޓު އަދި އެސްކަލޭޓަރު މާކެޓުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "ކޯނޭ" ގެ އެސްކަލޭޓަރު އެސްޓީއޯއިން ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފިއެވެ.
އެސްޓިއޯއިން މީގެ ކުރިން ރާއްޖެއަށް ތައާރަފުކުރި ކޯނޭ ބްރޭންޑުގެ ލިފްޓަށްވެސް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.
އަލަށް ތައާރަފުކުރި ކޯނޭ އެސްކަލޭޓަރު ރާއްޖޭގައި އެންމެ ފުރަތަމަ ބަހައްޓާނީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ އެސްޖޭ ޝޮޕިން މޯލްގައެވެ.
އެސްކަލޭޓަރު ރާއްޖެ ގެނެސް އިންސްޓޯލް ކުރުމާ ގުޅޭގޮތުން އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މިއަދު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމަންއެވެ. އެސްޖޭ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމްއެވެ.

ފިންލެންޑުގެ އުފެއްދުމަށް ކަމަށްވާ ކޯނޭ އެސްކަލޭޓަރަކީ ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑުތައް ހޯދާފައިވާ ކޯނޭގެ އެސްކަލޭޓަރުގައި ހިމެނޭ ތިމާވެއްޓާ ރައްޓެހި ސިފަތަކުގެ ތެރޭގައި ހައި ސްޕީޑް މޯޓަރު ބޭނުންކޮށް، ފުލް ސްޕީޑުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ކުޑަކުރުމާއި ލުބްރިކޭޝަން ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިހުތިޔާރު ލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރު ސާފުކޮށް، މެއިންޓަނެންސް ފަސޭހަވުން ހިމެނެއެވެ.
ހަމައެއާއެކު ދެމެހެއްޓެނެވި ލެޑް ލައިޓުން 80 ޕަސެންޓާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދިނުމުގެ އިތުރުން އީކޯ އެފިޝަންޓް އޮޕަރޭޝަނަލް ލޯޑުގައި އޮޕަރޭޓުކުރެވޭ ފީޗާއެއްވެސް މި އެސްކަލޭޓަރުގައި ހިމެނެއެވެ.
މީގެ އިތުރުން ކޯނޭ އެސްކަލޭޓަރަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން އެންޓި ރައިޑް/އެންޓި ސާފް ބެރިއާ އަދި ބަލުސްޓްރޭޑް އެކްސްޓެންޑުކޮށް، އެ އެސްކަލޭޓަރު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެކެވެ.
ރާއްޖޭގެ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ ކޯނޭ ވަނީ ފޯބްސްއިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ލިސްޓުގައި މިދިޔަ އަހަރު ހިމެނިފައެވެ.