މެކްސިކޯ(ފެބްރުއަރީ 20): މެކްސިކޯގެ އުތުރުގައިވާ މޮންތިރީގެ ޖަލެއްގައި ހިނގި ކުރިމަތިލުންތަކެއްގައި 44 މީހަކު މަރުވެ އެތައްބަޔަކު ޒަޚަމްވެއްޖެ އެވެ.

މެކްސިކޯގެ އެ ސަރަޙައްދުގެ ލޯކަލް ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިކުރިމަތިލުންތައް ހިނގީ ޖަލުގައި ހައްޔަރުކުރެވިފައިވާ ގޭންގް ގްރޫޕްތަކެއްގެ މެދުގަ އެވެ. މީގެތެރެ އިން ބައެއް ގޭންގްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރީކުރާ ގޭންތަކެކެވެ. މިކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވީ އެއްބަޔަކު އަނެއްބަޔަކަށް އޮއްގަލާއި ލަޓިބުރީގެ އިތުރުންވަޅިއާއި އެފަދަ ތޫނުއެއްޗެހިން ޙަމަލާ ދިނުމުން ކަމަށް ތަރްޖަމާން ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކާއި ޖަލުބަލަހައްޓާ އިދާރާ ގުޅިގެން ވަނީ މިމައްސަލަ ތަޙްޤީޤްކުރަންފަށައިފަ އެވެ. ތަޙްޤީޤްތައް ނިމެންދެން އެޖަލުގެ ބައެއް ގާޑުންނާއި ޕްރިޒަން އޮފިސަރުންގެ ތެރެއިން ބައެއްމީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިކުރިމަތިލުންތަކާ ގުޅިގެން ޖަލުން ބައެއް ކުށްވެރިން ފިލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޖަލުބަލަހައްޓާ އިދާރާ އިން މިކަން ކަށަވަރުކޮށެއް ނުދެ އެވެ.

މެކްސިކޯއަކީ ޑްރަގް ވިޔަފާރީގައި ޙަރަކާތްތެރިވާ ގޭންގްތައް ވަރަށް ގިނަ ޤައުމެކެވެ. ގޭންގްތަކާ ދެކޮޅަށް މެކްސިކޯގެ ރައީސް ފިލިޕީ ކަލްޑިރޯން ހަނގުރާމަ އިޢްލާންކުރައްވާފައި ވުމުގެ ސަބަބުން އެޤައުމުގެ ސަލާމަތީ ބާރުތަކުން ގެންދަނީ ގޭންގަތަކާ ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. މިހަނގުރާމައިގާ އަތުލައިގަނެވޭ ކުށްވެރިންގެ ޢަދަދު ގިނަކަމުން މެކްސިކޯގެ ޖަލުތައްވަނީ ފުރި ބާރުވެފަ އެވެ. (ރޮއިޓާސް)