04 Aug 2021, 15:33
ހުސްވި ޖުލައި މަސްތެރޭ ރާއްޖެއަށް އައި ފަތުރުވެރިން އަދަދު، އޭގެ ކުރީ މަހާ އަޅާބަލާއިރު 81 ޕަސެންޓު އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު 101،818 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ޖޫން މަހު އައިސްފައިވަނީ 56،166 ފަތުރުވެރިންނެވެ.
މިއީ މިއަހަރު މިހާތަނަށް އެއް މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިން އައި އަދަދު ލައްކައަކަށްވުރެ އިތުރުވި ދެވަނަ ފަހަރެވެ. މީގެ ކުރިން މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެއީ މިއަހަރު އެއް މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހެވެ.
ޖުލައި މަހު ވަކިވަކި މާކެޓުތަކަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައި ފަސް މާކެޓްތަކަކީ؛
ރަޝިއާ: 17،775
- އިންޑިއާ: 13،520
- ސައުދީ އަރަބިއްޔާ: 9،123
- ޖާމަނީ: 6،079
- އެމެރިކާ: 5،681
ޖުލައި މަހު އެއް ދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 31 ވަނަ ދުވަހުގައެވެ. އެގޮތުން އެ ދުވަހު އެކަނި 5،315 ފަތުރުވެރިން އައިސްފައިވެއެވެ.