ކުއަލަލަމްޕޫރު (އޮގަސްޓު 4): މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީންއަށް އިތުބާރު އޮތްތޯ ބެލުމަށް އަންނަ މަހު ޕާލިމެންޓުގައި ވޯޓެއް ނަގަން ތާވަލު ކުރާނެ ކަަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ސަރުކާރަށް ތާއިދު އޮތްތޯ ބެލުމަށް ވޯޓެއް ނަގާނެ ކަމަށް މުހިއްޔުއްދީން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ތާއިދު އަނބުރާ ގެންދެވި ފަހުންނެވެ. އަދި އޭނާއަށް މިހާރު ޕާލިމެންޓުގެ އަގުލަބިއްޔަތު ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ފަހުންނެވެ.

ނަމަވެސް މުހިއްޔުއްދީން ވިދާޅުވާ ގޮތުގައި ޕާލިމެންޓުގެ ގިނަ މެމްބަރުން އަދިވެސް ތާއިދު ކުރަނީ އޭނާއަށެވެ. އަދި އަންނަ މަހު ބާއްވާ ވޯޓުން އެކަން ސާބިތުވާނެއެވެ.

"އަޅުގަނޑަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަން އަންނަ މަހު ތާވަލު ކުރާނެ. އެވޯޓާ އެކު، އަޅުގަނޑުގެ ބޮޑުވަޒީރު ކަމާއި ޕެރިކަތަން ނެޝަނަލް ސަރުކާރުގެ ސައްހަކަން ކަށަވަރު ކުރެވިގެންދާނެ،" މުހިއްޔުއްދީން ވިދާޅުވިއެވެ.

މުހިއްޔުއްދީންގެ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އިން ވަނީ އޭނާއަށް އޮތް ތާއިދު އަނބުރާ ގެންގޮސްފައިވާ ކަމަށް އެކި ފަހަރު މަތިން ބުނެފައެވެ. އަދި މެލޭޝިއާގައި މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު ރަސްގެފާނު އަބްދުﷲއަށް އެންގުމަކާ ނުލައި މިދިޔަ މަހު އުވާލުމުން ޝާހީ ގަނޑުވަރުން ވަނީ މުހިއްޔުއްދީންއާ މެދު ނުރުހުން ފާޅުކޮށްފައެވެ.

އޭގެ ސަބަބުން މުހިއްޔުއްދީންގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ޕާލިމެންޓުގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އާއި ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ހިމެނޭ ގޮތަށް އިއްޔެ ބައެއް ޕާލިމެންޓު މެމްބަރުން ވަނީ މަޖިލިސް ކުރާ އިމާރާތުގެ ކައިރީގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ހުއްޓުވުމަށް ރަޔަޓު ފުލުހުން ނެރުމުން ސޯޝަލް މީޑިގާއި ސަރުކާރަށް ފާޑު ކިޔުން އަމާޒުވިއެވެ.

މެލޭޝިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ އެގައުމުގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގައުމުގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 200،000އަށް ވުރެ އިތުރުވެފައިވާ އިރު ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ.