04 Aug 2021, 17:01
އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން ނިންމާފައިވާ އިންޓަނެޓު ބިލާމެދު އެ ގައުމުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގޮތުން މިހާރު ފާސްކުރަން އަމާޒުހިފައިފައިވާ ބިލު ފާސްކޮށްފިނަމަ އިންޓަނެޓްުގެ ވަސީލަތްތައް ބޭނުންކުރުމަށް ގިނަ ހުރަސްތަކެއް އެޅިގެންދާނެކަމަށް އެ ގައުމުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.
"އިންޓަނެޓްގެ އެޕްސް ފަދަ އިންސްޓާގުރާމްގެ ޒަރިއްޔާއިން އީރާންގެ މީހުން ތަކެތި ގަނެ ވިއްކައި އުޅޭ،" އީރާނުގެ ރައްޔިތެއްކަމަށްވާ އަލީ ހެޑިއެލޫ ބުންޏެވެ.
އެގޮތުން މިކަހަލަ ބިލެއް ފާސްވެގެން ދިޔުމަކީ އެނާ ފަދަ ކިތަންމެ ބަޔަކަށް ވަރަށް ބޮޑަށް ގެއްލުން ވާނޭ ކަމެއްކަމަށް އަލީ ހެޑިއެލޫ ބުންޏެވެ.
މީގެއިތުރުން އެ ގައުމުގެ ސޮފްޓުވެއާ ހަދާ މީހުންވެސް އަންނަނީ މި ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަދި މި ބިލާ ދެކޮޅަށް އީރާނުގެ ރައްޔިތުން ވަނީ ޕެޓިޝަނެއް ތައްޔާރުކޮށް ނުވަ މިލިއަން މީހުންގެ ސޮއިވެސް ހޯދާފައެވެ.
މި ބިލު ފާސްވެއްޖެނަމަ އީރާނުގެ ރައްޔިތުން އަދި ސަރުކާރުގެ އޮފިޝަލުންނަށްވެސް އިންޓަނެޓްގެ ވަސީލަތްތަކަކާއި ވީޕީއެން ބޭނުންކުރަން ހުރަސްތައް ކުރިމަތިވެގެންދާނެއެވެ.
އީރާނުގައި، ސޯޝަލް މީޑިއާގެ އެޕްތަކަށް އެގައުމުގެ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަންނަނީ ކުރެވެމުންނެވެ. އަދި ސަރުކާރުން، އަންނަނީ އެ ގައުމުގެ ނޫސްތަކާއި ޓީވި އަދި ރޭޑިއޯ ވެސް ކޮންޓުރޯލް ކުރަމުންނެވެ.
މިހާރު އީރާނުގައި ވަނީ އިސްލާމިކް ރިޕަބްލިކްގެ ފަރާތުން ރައްޔިތުންނަށް ފެންނަ ތަކެތި ކޮންޓުރޯލް ކޮށްފައެވެ. އަދި "ހަލާލު" އިންޓަނެޓު ގެ ނަމުގައި އާ ވައްތަރެއްގެ ހިދުމަތެއްވެސް ވަނީ ތައާރަފުކޮށްފައެވެ.