04 Aug 2021, 11:56
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި މި މަހުގެ ދެވަނަ ދުވަހު ބާއްވަން އޮތް އަޑުއެހުން މި މަހުގެ 11 އަށް ފަސްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މި އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ. އަދި އެ ދުވަހުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓް ވަނީ މިދިޔަ އަހަރުގެ ތެރޭ ހިފަހައްޓާފައެވެ.
އެހެންނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ދިޔުމަށް އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސް ތެރޭ އެނބުރި ރާއްޖެ އައުމަށް ޝަރުތުކޮށް އަލީ ވަހީދުގެ ބަދަލުގައި އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުކުރަމަށްފަހު އެވެ.
އެހެންނަމަވެސް ހަތަރު މަސް ފާއިތުވިފަހުންވެސް އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައިނުވާއިރު ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދުގެ މައްސަލައިގައި އޮންލައިންކޮށް އަޑުއެހުން ބާއްވަން ފަށާފައެވެ. އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.