20 Feb 2012, 20:53
ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއުލާން ކުރައްވާފައިވާ ރޯޑްމެޕާ މެދު އެއްބަސް ވާން ހުރިހާ ސިޔާސީ ޕާޓީތަކާއެކު ނަސަންދުރާގައި މިރޭ ފެށި، އޯލްޕާޓީ ޓޯކްސްގައި އެމްޑީޕީ ބައިވެރިނުވާތީ އެ ބައްދަލުވުން ފެށިތާ އިރުކޮޅެއްގެ ތެރޭގައި މަޝްވަރާތައް ހުއްޓާލައިފި އެވެ.
ހުރިހާ ސިޔާސީޕާޓީއަކުން ވެސް ބައިވެރިވި އެ ބައްދަލުވުން މިރެއަށް ނިންމާލެއްވުމަށްފަހު މަޝްވަރާތައް ވިލަރެސް ކުރެއްވުމަށް ރައީސް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އަދި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް، ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ ވިދާޅުވީ ރޯޑް މެޕާ ބެހޭ ގޮތުން މަޝްވަރާ ނުކުރެވުނީ އެމްޑީޕީ ބައިވެރިނުވުން ކަމަށެވެ. އެހެންކަމުން މިރޭ ކުރިއަށް ގެންދިޔައީ ނުރަސްމީ ވާހަކަތަކެއް ކަމަށާއި އެމްޑީޕީ ބައިވެރިކޮށްގެން އެ މަޝްވަރާތައް ވަރަށް އަވަހަށް އަލުން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނުރަސްމީކޮށް ދެކެވުނީ ކޮންވާހަކަތަކެއް ކަމެއް މުޖުތަބާ ވިދާޅެއްނުވެ އެވެ.
މިރޭ 8:30 ގައި މަޝްވަރާތައް ފަށަން އޮތް ނަމަވެސް މުޖުތަބާ ވަނީ އެމްޑީޕީ ހާޒިރުވޭތޯ 15 ވަރަކަށް މިނެޓް މަޑުކުރައްވާފަ އެވެ. ބައްދަލުވުމުން ފައްޓަވަމުން މުޖުތަބާ ވަނީ އެމްޑީޕީން އެ ބައްދަލުވުމުގައި ބައިވެރިވުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުން ނިންމާލީ 9:30 އެހާއިރު އެވެ.
އޯލްޕާޓީ ޓޯކްސްގައި އެމްޑީޕީން ބައިވެރިވާ ގޮތަށް އޮތީ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އެވެ.
މަޝްވަރާތަކުގައި ޑީއާރްޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު (އަންޑޭ) އެވެ. ޕީޕީއެމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދެވެ. ޕީއޭގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ގައުމީ އިއްތިހާދު ޕާޓީން އަހުމަދު ތައުފީގް (ޓޯޕީ) އެވެ. އަދާލަތުގެ ޕާޓީން މުހަންމަދު އިޔާދު ހަމީދެވެ. ޖުމްހޫރީ ޕާޓީން އައްބާސް އާދިލް ރިޒާ އެވެ. ގައުމީ ޕާޓީން އަމީން އާންމު އަބްދުﷲ އަމީނެވެ. އެމްއާރުއެމް އިން އިބްރާހިމް ދީދީ (ކޭޑީ) އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ބަންދުކޮށްގެން ނޫސްވެރިން ނުވައްދަ އެވެ.