މިފަހަރުގެ އޮލިމްޕިކްސްގައި އޮސްޓްރޭލިއާގެ އެތުލީޓުންގެ ފަރާތުން އަހުލާގީ ބޮޑެތި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، ބައެއް ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނައިރު އެކަންކަމަށްޓަކައި އެތުލީޓުން މައާފަށް އެދިފައިވާ ކަމަށް އެގައުމުގެ އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.

ޖަޕާނުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ބޮޑެތި އިވެންޓުތަކުން އޮސްޓްރޭލިއާ އަލްވަދާއު ކިޔަން ޖެހުނު އިރު، އެ ގައުމުގެ ގިނަ އެތުލީޓުން މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. އެހެންނަމަވެސް ގައުމަށް އެނބުރި ދިޔައިރު އެތުލީޓުންގެ ފަރާތުން ކޮށްގެން ނުވާނެ ގިނަ ކަންތައްތަކެއްގެ ޝަކުވާ އޮލިމްޕިކްގެ ތެރޭގައި ވަނީ ފާހަގަވެފައެވެ.

އެގޮތުން އޮސްޓްރޭލިއާގެ ބައެއް އެތުލީޓުން ދިރިއުޅުނު ކޮޓަރިތަކުގެ އެނދުތައް ހަލާކު ކުރުމާއި، ފާރެއްގައި ބޮޑު ލޯވަޅެއް ހެދުމުގެ އިތުރުން އެނބުރި ގައުމަށް ދިޔައިރު ފްލައިޓްތެރޭގައި ވެސް ޕްރޮފެޝަނަލް އެތުލީޓުންތަކެއްގެ ކިބައިން ފެނިގެން ނުވާނެ އެތައް ކަމެއް ފެނިގެންގޮސްފައިވާކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

އޮސްޓްރޭލިއާގެ އޮލިމްޕިކްސް ޓީމުތަކުގެ ޗީފް ޑި މިޝަނަރަކަށް ކަނޑައަޅާފައި ހުރި އިއަން ޗެސްޓާމަން ބުނީ ބައެއް އެތުލީޓުން ކުރި ކަންކަމަށް މައާފަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން އެ އެތުލީޓުންނަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.

"ކޮންމެ ޒުވާން މީހަކަށް ވެސް ގޯސްތަކެއް ހެދޭނެ. އެކަމަކު އެގޯސްތަކަށް މައާފަށް އެދި އެކަމުން ބަރީއަވުމުގެ ފުރުސަތު ޒުވާނުންނަށް ދޭންޖެހޭ،" އިއަން ޗެސްޓާމަން ބުންޏެވެ.