20 Feb 2012, 20:41
އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ސަގަފާތެއް ރާއްޖޭގައި ޤާއިމު ކުރަން ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ތަރައްޤީ ކޮށް ހަރުދަނާ ކުރަން ކޮމިޝަނުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ޤާނޫނު އަސާސީއާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދަން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި އެހެނިހެން މުއައްސަސާތައް ހަރުދަނާކޮށް، މުއައްސަސާތަކުގެ މަސައްކަތްތައް ހިންގުމަށް ހަދަންޖެހޭ ޤާނޫނުތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ދޭންޖެހޭ އަހަންމިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި ދެވިފައިނުވާ ކަމަށް ވެސް ރައީސް ވަނީ އިޝާރާތް ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން އެކަމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ކުޑަކުދިންނާއި އަންހެނުންގެ ކަންތައްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް ޢަޒްރާ ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިއެކުލަވާލައްވާފައިވާ މަގުޗާޓަކީ ރާއްޖޭގެ ހަމަޖެހުމަށާއި އަމަންއަމާންކަމަށް ވަރަށް މުހިންމު މަގުޗާޓެއް ކަމަށާއި ރާއްޖޭގެ ޢަދުލު އިންޞާފުގެ ދާޢިރާ ވަރުގަދަ ކުރުމަކީ ހިއުމަން ރައިޓްސްއަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، އެކޮމިޝަނުން އެކުލަވާލައްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރާއްޖޭގައި އަމަންއަމާންކަން ޤާއިމު ކުރުމަށްޓަކައި މުހިންމު އެއް ކަމަކީ، ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރުން ކަމުގައި ވިދާޅުވެ، ޕެރޯލް ބޯޑުގެ ދައުރު ހަރުދަނާ ކުރުމުގެ ބޭނުންތެރި ކަމުގެ މައްޗަށް ވެސް އަޒުރާ ވާހަކަފުޅު ދެއްކެވި އެވެ.