04 Aug 2021, 09:24
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "މަނީ ހައިސްޓް"ގެ ފަސް ވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ދިވެހިންގެ މެދުގައިވެސް މަގްބޫލުކަން ލިބިފައިވާ މި ސްޕެނިޝް ސީރީޒްގެ ޓްރެއިލާއިން ފެނިގެންދަނީ ސީރީޒްގެ މެއިން ކެރެކްޓަރު ޕްރޮފެސަރު ހައްޔަރުކޮށްގެން އުޅޭތަނެވެ.
އެ ބޮޑު ހައިސްޓުގެވެސް ފުރަތަމަ ފަހަރަށް ސަލާމަތްވާނެ ޕްލޭނެއް ނެތި އެމީހުން އުޅޭ މަންޒަރެވެ.
މަނީ ހައިސްޓްގެ ފަހު ސީޒަން ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭއިރު ވޮލިއުމް 1 ގެނެސްދޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
އަދި ވޮލިއުމް 2 ގެނެސްދޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
ނެޓްފްލިކްސް އިން ސްޓްރީމް ކުރާ މި ސީޒަން އަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީޒަންއެއްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ސީޒަން ވެގެންދާނީ މުޅި ސީރީޒްގެވެސް ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަށް ކަމަށް ހައިސްޓުގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިފަހަރުގެ ބައި ސިފަކޮށްފައި ވަނީ ވަރުގަދަ "ވޯ" ނުވަތަ ހަނގުރާމައެއްގެ ގޮތުގައެވެ.