03 Aug 2021, 20:54
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް ސަރުކާރުން ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކެބިނެޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ގެނައުމަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަަގަކުރައްވައި، މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ފާހަގަކުރައްވާފައެވެ.
އަދި ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނި ތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މި ހިނގާ ޯގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.