ދައުލަތުގެ އެންމެ މަތީ މަގާމު އަދާ ކުރައްވާފައި ހުންނެވި ބޭފުޅަކު ކޮމިޝަނަށް ހާޒިރު ކުރުމަށްފަހު، ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައި ވާތީ އެކަމާ ހިތާމަކުރާ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް "ސަން"އަށް ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ އާއިލާ އާއި އެހެނިހެން އާއިލާ ތަކުންވެސް އަދި ރައްޔިޔުންވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް ރައީސް ޔާމީން އެއްބާރުލުން ދެެއްވާފައިނުވާތީ ހިތާމަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުގެ ތަހުގީގުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގާނޫނު އަސާސީން ލިބިދީފައިވާ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނަށް ކުރީގެ ރައީސް ޔާމީން މިއަދު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް ދައުލަތުގެ އެންމެ މަތީ މަގާމު އަދާކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން. ރިލްވާންގެ އާއިލާ އަދި އެހެނިހެން އާއިލާ ތަކާއި ރައްޔިޔުންވެސް ބޭނުންވާނީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން،" މިސްބާހު ވިދާޅުވި އެވެ.

މިސްބާހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ސުވާލުކޮށް އޮޅުން ފިލުވަން ޖެހޭ މުހިއްމު ކަންތައް ތަކެއް ހުރުމުން ކަމަށެވެ.