ދެވަނަ ސެމިސްޓާގެ ކިޔެވުން ކުރިއަށްދާނީ ދަރިވަރުން ހާޒިރުކޮށްގެން ކަމަށް ގައުމީ ޔުނިވާސިޓީއިން ބުނެފިއެވެ.

ގައުމީ ޔުނިވާސިޓީގެ ރެޖިސްޓްރާ މުހައްމަދު ޟާމިރު "ސަން" އަށް ވިދާޅުވީ ދެވަނަ ސެމިސްޓާގެ ކިޔެވުން 22 އޮގަސްޓްގައި ފަށަން ހަމަޖެހިފައިވާއިރު ކްލާސްތައް ކުރިއަށް ގެންދާނީ ޔުނިވާސިޓީއަށް ހާޒިރުވެގެން ކަމަށެވެ.

"ކްލާސްތައް ފެށިގެންދާއިރު ބައެއް ކޮމްޕޯނެންޓްތައް ކުރިއަށް ގެންގޮސްދާނެ އޮންލައިންކޮށް. އެކަމަކު ރަސްމީ ކްލާސްތައް ގެންދާނީ ފިޒިކަލްކޮށް ހާޒިރުވެގެން," ޟާމިރު ވިދާވިއެވެ.

ޔުނިވާސިޓީއަށް ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދާއިރު ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭގެ އާންމު ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅައިގެން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުނިވާސިޓީއަށް ވަންނަ ހުރިހާ ފަރާތްތަކަކީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކެއްތޯ ބަލާނެކަމަށެވެ.

"އަޅުގަނޑުމެން މި އެންކަރެޖް ކުރަނީ ދަރިވަރުންވެސް ދެ ޑޯޒް ޖަހަން. އެކަމަކު މަޖުބޫރު ކަމެއް ގޮތުގައި އަދި ވަކި ގޮތެއް ނުނިންމަން. ޑޭޓާ ކަލެކްޓް ކުރަމުން މި ދަނީ ދަރިވަރުންގެ ތެރެއިން ކިހާ ކުދިންނެއް ދެ ޑޯޒް ޖަހައިފިތޯ،" ޟާމިރު ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީ އޮގަސްޓް އިންޓޭކްގެ މުއްދަތު މިއަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. ނަމަވެސް މުއްދަތު ހަމަވިޔަސް ޖާގަ ލިބެން ހުރި ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.