20 Feb 2012, 18:21
ކުޑަކުދިންނަށް ޖިންސީގޯނާ ކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އެކަކު 10 އަހަރަށް އަދި ދެ ވަނަ މީހާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ކުޑަފިރިހެން ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސް، އޮރިޔާން މައްޒަރު ދައްކުވައިދޭ ފޮޓޯ ދެއްކުމަށް ފަހު، އެ ކުއްޖާއާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އެކަކީ އދ. މަހިބަދޫ، މުޝްތަރީގޭ ހާމިދު ޤާސިމް، 32 އަހަރުގެ މައްޗަށް ކަމަށެވެ.
އަދި އުމުރުން ހަތް އަހަރުގެ އަންހެން ދޮންދަރިއާ މެދު ތަކުރާރުކޮށް އެކި ދުވަސްމަތިން ގަދަކަމުން ބަދުއަޚުލާގީ އަމަލުހިންގި ކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މާލޭ ދަފްތަރު ނަމްބަރު 4115، މޫސާ ދީދީގެ މައްޗަށް ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންންގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި މަހުގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގިކަން ޝަރީއަތަށް ސާބިތުވެ ބަގުލަދޭޝްގެ މުހައްމަދު އާމިރުއްދީން، 29، 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ހުކުމްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.