ހަރުކަށި ފިކުރުގެ ޖިހާދީންގެ ގުރޫޕުތަކުން ނައިޖާގެ ހުޅަނގު ދެކުނުގައި ހުރި ދިފާއީ ސަޕްލައި މިޝަންއަކަށް ހަމަލާދީ 15 މީހުން މަރާލައިފިއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން ބުނީ މި ހަމަލާދީފައިވަނީ ހަތިޔާރު އަޅައިގެން ތިބި ހަރުކަށި ފިކުރުގެ ބައެއްކަމަށެވެ. އަދި ޓިލަބެރީގެ ސަރަހައްދުގައި ދިން މިހަމަލާގެ ސަބަބުން ހަ ސިފައިންވެސް ގެއްލިފައިވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ ހަމަލާދިން ފަރާތްތައް ހޯދައި ހައްޔަރު ކުރުމަށް މިހާރު ނައިޖާގެ ޑިފެންސް އަދި ސަލާމަތީ ބާރުތަކުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ނައިޖާގެ ސަރަހައްދަކީ ގިނަ އަދަދެއްގެ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހަރަކާތްތެރިވަމުން އަންނަ ސަރަހައްދެކެވެ.

އެގޮތުން އިސްލާމިކް ސްޓޭޓް އަދި އަލްގައިދާ އާ ގުޅުންހުރި ޖިހާދީ ގްރޫޕްތައް އަންނަނީ ނައިޖާގެ މަލީ އަދި ބުރްކީނާ ފަސޯގެ ބޯޑަރު ކައިރީގައި ހަރަކާތްތެރިވަމުންނެވެ.