ރާއްޖެއިން ހުށައަޅާފައިވާ ސާފް ޗެމްޕިއަންޝިޕުގެ ބިޑު ކާމިޔާބު ކުރެވިއްޖެނަމަ އެ މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ގަލޮޅު ދަނޑުގައި ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވެއްޖެއެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް އެގައުމުގައި ނުބޭއްވޭނެކަން އޭއެފްސީއިން އެންގުމާއެކު މުބާރާތް ބޭއްވުމުގެ ފުރުސަތު ވަނީ އަލުން ހުޅުވާލާފައެވެ. ރާއްޖޭގެ އިތުރުން މިފަހަރުގެ މުބާރާތް ބާއްވަން ދެން ބިޑުކޮށްފައި ވަނީ ނޭޕާލް އަދި އިންޑިއާއިންނެވެ.

ޖަވާޒް ވިދާޅުވީ މެޗަތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލޭގައި ކަމަށެވެ. ނަމަވެސް މާލޭގައި ނުބޭއްވޭ ފަދަ ހާލަތެއްގައި އައްޑޫގައި ވެސް މެޗުތައް ކުރިއަށް ގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މެޗުތަކަށް ސަޕޯޓަރުން ވެއްދުމާ ގުޅޭ ގޮތުން ޖަވާޒް އާއި ސުވާލު ކުރުމުން އޭނާ ބުނީ ކުޅި ބަލަން މީހުން ވެއްދުމާ މެދު އަދި ވަކިގޮތެއް ނިމިފައިނުވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑު ތަނުން ރަނގަޅުވެފައިވާއިރު ސަޕޯޓަރުން ވެއްދުމާއި މެދު ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނެވެ.

ސަޕޯޓަރުން ވައްދައިގެން މުބާރާތް ކުރިއަށް ގެންދަން ހުއްދަ ދިން ކަމުގައިވިޔަސް ގަލޮޅު ދަނޑުގެ ދެ ސިޑިބަރި ބޭނުން ނުކުރެވޭނެއެވެ. ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓު ފަޅި) ބޭނުންކުރުން ރައްކާތެރިނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ 2019 ވަނަ އަހަރު އަންގާފައެވެ.

ދެ ސިޑިބަރި ބަންދުކުރުމާއި ގުޅިގެން އޭގެފަހުން ގައުމީ ޓީމުގެ މެޗުތަކާއި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެފައިވަނީ މަދު އަދަދެއްގެ ޓިކެޓް ވިއްކައިގެންނެވެ.