03 Aug 2021, 14:13
ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ކަމަށްވާ ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހުއަށް އަދި ދައުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މިވަގުތު ފާތިހު އަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން މިވަގުތު ދައުވާ ކުރަން ފޮނުވައިފާ މީހުންގެ ތެރޭގައި ފާތިހު ނުހިމެނޭނެ ކަމަށާއި އިތުރު މައުލޫމާތު އަދި ފަހުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މިހާތަނަށް ލިބިފަ ހުރި މައުލޫމާތަށް ބަލާއިރުގަ މިވަގުތަށް އަޅުގަނޑުމެން ދައުވާއެއް ނުކުރަން ނިންމައިގެން މިއުޅެނީ، ދެން އޭގެ ތަފްސީލުތަކަށް ދާކަށް ނެތިން،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތީ ފާތިހުގެ ތަހުގީގު އަދި އެއްކޮށް ނިމިފައިވާ ނުވާތީ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ތަހްގީގް އެއްކޮށް ނިމުމާއި އެއްކޮށް ދައުވާ ކުރާނެކަން ނުވަތަ ނުކުރާނެ ކަން ހާމަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި މި މައްސަލައިގެ ތަހުގީގެއް އަދި މުޅިއަކުން ނުއެއް ނިމޭ، އަދި ފާތިހުގެ ފަރާތުންވެސް ހޯދަން ޖެހޭ ބައެއް މައުލޫމާތުތައް އެބަހުރި. އަދި ފާތިހުގެ ބައެއް މައުލޫމާތުތައް އަދި އަޅުގަނޑުމެންނަށް މުޅިން ފައިނަލައިޒްއެއް ނުވޭ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ފާތިހު ހައްޔަރު ކޮށްފައިވަނީ މޭ 19 ވަނަ ދުވަހު ބ. ދަރަންދޫ އިންނެވެ. ފާތިހު ހައްޔަރު ކުރީ ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ވަނީ މޭ ހައެއް ހަމަލާގައި ފާތިހު އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކޮށްފައެވެ.