20 Feb 2012, 17:33
ތޭވީސް ޑިސެމްބަރު އިއްތިހާދުން މިއަންނަ ހުކުރު ދުވަހު ބާއްވާ މަހާސިންތާގައި ވީހާ ވެސް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވުމަށް އެ އިއްތިހާދުގެ އަންހެނުންގެ ވިންގުން މިއަދު ގޮވާލައިފި އެވެ.
މިއަދު ވީ ޓީވީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސާ އައިޝަތު ޖަލީލާ ވިދާޅުވީ އިއްތިހާދުން ބައިވެރިވާ ހުރިހާ ޕާޓީތަކުގެ އަންހެނުންގެ ގޮފިތަކުގެ އިސްބޭފުޅުން އެއްތަނެއްގައި ތިއްބަވައިގެން ދޭން ބޭނުންވާ މެސެޖަކީ ހުކުރު ދުވަހު ބާއްވާ މަހާސިންތާގައި އަންހެން ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަންހެން ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް މަހާސިންތާގެ ކަންކަން ހަމަޖައްސައި ދެވޭނެ ކަމަށެވެ.
"ކުރިން ބޭއްވި 23 ޑިސެމްބަރުގެ މުޒާހަރައަކީ ވެސް ވަރަށް ސުލްހަ ވެރި މުޒާހަރާއެއް. ވަރަށް އަމަންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވުނީ އެ މުޒާހަރާ. ހަމައެގޮތަށް 24 ފެބުރުއަރީ މަހާސިންތާ އަމާންކަމާ އެކު ކުރިއަށް ގެންދާ ގޮތަށް ވާނީ ހަމަޖައްސާފައި،" ޖަލީލާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ސްޕޯކުސް ޕާސަން ދުންޔާ މައުމޫން ވިދާޅުވީ ހުކުރު ދުވަހު ބައްވާ މަހާސިންތާއަކީ ހިތްގައިމު މާހައުލެއްގައި ކުރިއަށް ގެންދާ މަހަސިންތާއެއް ކަމަށާއި އަންހެން ބޭފޫޅުންނަށް މަހާސިންތާގައި ބައިވެރިވެވޭ ގޮތަށް ކަންކަން އޮމާން ކަމާ އެކު ގެންދެވޭނެ ކަމަށާއި ހުރިހާ އަންހެން ބޭފުޅުން އާއިލާތަކާ އެކު ބައިވެރިވުމަކީ ޕީޕީއެމުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސާ ރޮޒެއިނާ އާދާމް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭ ހުރިހާ ސިޔާސީ ޕާޓީތަށް އެކުވެގެން ހުކުރު ދުވަހު ބާއްވާ މަހާސިންތާގައި މައިގަނޑު ތިން މަގުސަދެއްވާ ކަމަށާއި އެކަންކަމަކީ ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަމަކަށް އެއްބާރުލުން ދިނުމާއި އަދި އެއްބައިވަންތަ ސަރުކާރަށް ތާއިކުރުން ކަމަށެވެ.
"ހުރިހާ ބޭފޫޅުން ވެސް އެމަހާސިންތާގައި ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް. އަދި މާދަމާ އިން ފެށިގެން ހޮޓްލައިނެއް ގާއިމުކުރާނެ. ހޮޓްލައިން މެދުވެރިކޮށް މަހާސިންތާގެ ކަންކަމާ ގުޅޭ ކަންކަމުގެ މައުލުމާތު ފޯރުކޮށްދެވޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ.
ތޭވީސް ޑިސެމްބަރުގެ އިއްތިހާދުގެ އަންހެނުންގެ ވިންގުން ބުނީ އަތޮޅުތެރެއިން މާލެ ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ވެސް ބޭނުންވާނެ އެކިއެކިކަންކަން އެއިއްތިހާދުގެ ފަރާތުން ހަމަޖައްސައިދެއްވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި ވީހާ ވެސް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ބައިވެރިވުމަކީ 23 ޑިސެމްބަރުގެ އިއްތިހާދުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިއަދުގެ އިއްތިހާދުގެ އަންހެނުންގެ ވިންގުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އަދާލަތުޕާޓީއާ ޕީޕީއެމާއި ޑީއާރުޕީ އާއި ގައުމީ ޕާޓީ އާއި ޖުމޫހުރީ ޕާޓީގެ އަންހެނުންގެ ގޮފީގެ މެންބަރުބައިވެރިވި އެވެ.