03 Aug 2021, 13:36
މެއި ހަވަނަ ދުވަހު ރައްޔިތުން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވާގޮތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް ވިދާޅުވެފައެވެ. ސީޕީ ހަމީދު ވަނީ އެކަން ހާސިލް ކުރުމަށް ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ ފުލުހުންނަށް މަރުހަބާ ކިޔުއްވާފައެވެ.
އެ މައްސަލައިގައި ދައުވާކުރަން ފުލުހުންގެ ފަރާތުން ފޮނުވާފައިވަނީ ފަސް މީހެއްގެ މައްޗަށެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ އުފުލަން ފޮނުވީ ކޮން ހަތަރު މީހެއް ކަމެއް ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެ މައުލޫމާތު ޕީޖީ އޮފީހުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާކުރަން ނިންމާފައިވާ މީހުންނަކީ:
އަދުހަމް އަހުމަދު ރަޝީދު، ވ. ތިނަދޫ، ހިޔާ
- މުޖާޒް އަހްމަދު، މއ. ފޭރުގެ
- ތަހުމީން އަހްމަދު، ގއ. ގޮނޑޭ، ފޮޅޭމާ
- އަލީ ހައިޝަމް، ނ. މަނަދޫ، ނޫރީގެ
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެއް ނުވެއެވެ.

(ކ-ވ) އަދުހަމް އަހްމަދު ރަޝީދު، ތަހުމީން އަހްމަދު، އަލީ ހައިޝަމް އަދި މުޖާޒް އަހްމަދު
ހަމަލާގެ މައްސަލަައާ ގުޅިގެން ޕީޖީ އޮފީހުން އަންނަނީ މިއަދު 14:00 އަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.