03 Aug 2021, 13:55
ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއިން ލިބުނު ފްލެޓް ދޫކޮށް މި ސަރުކާރުގެ ހައުސިން މަޝްރޫއު "ވިނަރެސް" އިން ފްލެޓް ބޭނުންވެގެން ގާތްގަނޑަކަށް 350 މީހުން އެދިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕެލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު "ސަން" އަށް ވިދާޅުވީ ފްލެޓް ބަދަލުކުރަން އެދި މިހާރު ގާތްގަނޑަކަށް 350 މީހުން އެބަތިބި ކަމަށެވެ. ނަމަވެސް އަދި ރަސްމީކޮށް ކުރަންޖެހޭ ކަންކަން ކުރަން ނުފަށާކަމަށެވެ.
"ވިނަރެސްއަށް ބަދަލުވާން ބޭފުޅުންނަށް އަޅުގަނޑުމެން ފުރުސަތު ހުޅުވާލީ އެއީ ހިޔާ ފްލެޓަށްވުރެ ތަނަވަސް ތަންތަނަށް އެތަން ވާތީ. އަދި މީހުން އެތަނަށް ދާން ބޭނުން ވެދާނެތީ. ގާތްގަނޑަކަށް 350 މީހުން ވަނީ މިކަމަށް އެދިފައި،" އަކްރަމް ވިދާޅުވިއެވެ.

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ފްލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ އިތުރަށް ވިދާޅުވީ މި ފްލެޓްތަކުގެ ޖާގަ ބޮޑު ނަމަވެސް ހިޔާ ފްލެޓަށްވުރެ މި ފްލެޓްތަކުގެ ކުލި ވެސް ބޮޑުވާނެކަމަށެވެ. އެގޮތުން މި ފްލެޓްތަކުގެ ކުލި އުޅޭނީ 17،000 ރުފިޔާ އާއި ހަމައިގައިކަމަށެވެ.
"ފުރަތަމަ އަަޅުގަނޑުމެން ފުރުސަތު ހުޅުވާލީ ހިޔާ ފްލެޓުން ޖާގަ ލިބުނު ޑޮކްޓަރުންނާއި ނަރުހުންނަށް. ނަމަވެސް ފަހުން އެހެން ކެޓަގަރީަކުގެ ބޭފުޅުންވެސް އެކަމަށް އެދުމުން އަޅުގަނޑުމެން ވާނީ އެ ފުރުސަތު ވެސް ހުޅުވާލާފައި،" އޭނާ ވިދާޅުވިއެވެ.
މި ފްލެޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އެޗްޑީސީ އިން ތައްޔާރުކުރާ އެޕްލިކޭޝަން ފޯމެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ފޯމުގައި ވިނަރެސް މަޝްރޫއަށް ބަދަލުވާން އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަތައް ބަޔާންކޮށްފައި ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުން ސްކްރީން ކުރެވި އޭގެން ހޮވޭ ފަރާތްތަކަށް ވިނަރެސް އަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ވިނަރެސް މަޝްރޫއުގެ ފްލެޓްތައް މިހާރު ވަނީ އިމާރާތްކުރަން ފަށާފައެވެ. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވޭ ތާރީހަކީ އަންނަ އަހަރެވެ. އެ މަޝްރޫއަކީވެސް ހުޅުމާލޭ ފޭސް 2 ގައި އަޅާ ފްލެޓްތަކެކެވެ.