ގައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސްކަމެއްގައި ބައިވެރިވާން ބޭނުންނުވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އަންގާފައިވާކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމުން މިހެން ބުނީ އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގައި ބައިވެރިވުމަށް އެމްއާރުއެމަށް ދިން ދައުވަތަށް ޖަވާބުދެމުންނެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ސަން" އަށް ވިދާޅުވީ އެމްއާރުއެމްއަކީ މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްކަމަށެވެ. އަދި ކޯލިޝަނުން ވަކިވެގެން ގައުމަށް ގެއްލުން ހުރި އެއްވެސް ކަމެއް އެމްއާރުއެމްއިން ނުކުރާނެކަމަށް އަލީމް ވިދާޅުވިއެވެ.

މި ކެމްޕޭނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ފެށި ހަރަކާތެއްކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މި ހަރަކާތާ ގުޅުމަށް އިދިކޮޅު ކޯލިޝަނުން ދައުވަތު ދީފައިވަނީ އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށެވެ.